ލޮކްޑައުންނަށް ލުއިތަކެއް ދިނުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

28 މެއި 2020 | ބުރާސްފަތި 06:25
-
42349
ސަރުކާރުގެ ފަރާތުން ބުދަ ދުވަހުގެރޭ ދެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވީ މިނިސްޓަރ އަބްދުﷲ އަމީނާއި، ޑރ. އަލީ ލަތީފާ. ޑރ ޝީނާ މޫސާ އެވެ. ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވީ ޑރ. ނަޒްލާ ރަފީޤާއި، ޑރ. މޫސާ ހުސެއިން އާއި، ޑރ. އަލީ ނަޒީމް އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕިއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. ނަޒްލާ ރަފީޤް - ޑރ ނަޒްލާ ވިދާޅުވީ ފަހު ދެ ހަފްތާގައި ކޮންމެ ގޭބެސީއަކަށް ފަސް މީހަކަށް ބޭރަށް ދިޔުމަށް ހުއްދަ ލިބޭނެކަމަށެވެ. އަދި ކުޑަކުދިންނަށްވެސް ހުއްދައާއެކު ފަތިހު 5 ކާއި ހެނދުނު 8 އާ ދެމެދު ބޭރަށް ނިކުތުމެގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި. އެއްވުންތަކާއި އެކިއެކި ހަރަކާތްތައް އަދި އާއިލީ އެއްވުންތައްވެސް އަދި ނުބޭއްވޭނެ ކަމަށާއި ޖަނާޒާތައް ބޭއްވޭނީ މިހާރުވެސް ހިނގަމުންދާ ގޮތަށް ހުއްދަ ލިބޭ ފަރާތްތަކަށް ކަމަށް ޑރ ނަޒްލާ ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް - ޑރ. އަލީ ނަޒީމް ވިދާޅުވީ ޑީއެޗް 11 ގައި 10 ބެޑް އިންޓެންސިވް ކެއަރގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި މެއި 6 ގައި ފަރުވާދޭން ފަށާފައިވާ އިރު، އެތަނުގައި ބަލިމީހުން އެޑްމިޓް ކުރެވިގެން ފަރުވާ ކުރިއަށްދާތާ 3 ހަފްތާ ވެއްޖެ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕިއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. ނަޒްލާ ރަފީޤް - ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ފަތިހު 5 ން ހެނދުނު 8 ކާ ދެމެދު ހުއްދަ ނަގައިގެން އުމުރުން ދުވަސްވީ މީހުންނަށް ގެއިން ބޭރަށް ނިކުމެވޭނެ ކަމަށް. މީގެއިތުރުން ފުރަތަމަ ދެ ހަފްތާގައި ފުލުހުންގެ ހުއްދައާއެކު ގޭބިސީއަކުން ތިން މީހުންނަށް ނިކުމެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި. އެއީ ބޮޑެތި މީހުންނަށް ކަމަށާއި އެމީހުންނަށް ބޭރަށް ނިކުމެވޭނީ ހަފްތާއަކު ދެ ފަހަރު ދެ ގަޑިއިރަށް ކަމަށް ޑރ ނަޒްލާ ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން - ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސަ ވިދާޅުވީ ކޮވިޑް-19ގެ ކަންކަން ފެށުނުއިރު ރާއްޖޭގައި ހުރި އޮކްސިޖަން ކެޕޭސިޓީއަކީ 7 މިލިއަން ކަމަށް. ނަމަވެސް މިހާރު އެ އަދަދު 32 މިލިއަނަށް އިތުރުކުރެވިފައިވާކަމަށާއި، އެއީ ހިތްހަމަޖެހޭ އަދަދެއްކަމަށް ޑރ. ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕިއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ - ޑރ. ޝީނާ ވިދާޅުވީ، ގޭގައި މީހުން ކަރަންޓީނު ކުރެވިގެން ދިޔުމުން އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މިންވަރު ވަރަށް ދަށް ކުރެވިފައިވާ ކަމަށާއި، ލޮކްޑައުން އަށް ލުއިތަކެއް ލިބިގެންދާއިރު ވެސް އެ ގޮތުގައި ހިފަހައްޓަން ޖެހޭނެ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕިއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ - ސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ފޭސް އެކެއްގައި ދިނުމަށް ނިންމާފައިވާ ލުއިތަކަށް ބަލާއިރު، ނިސްބަތުން އިންފެކްޝަން ރޭޓް މައްޗަށް ދާނެ ކަމަށް. ޑރ. ޝީނާ ވިދާޅުވީ ކޭސް ފެނުނު ކަމުގައިވީ ނަމަވެސް ހޭންޑަލް ކުރެވޭ މިންވަރަށް ބަލާނެ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. އަލީ ލަތީފް - ޑރ.ލަތީފް ވިދާޅުވީ ނިސްބަތުން ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނީޝަނުން މަދު ކަމަށް. ނަމަވެސް ބޭނުންވާ އެކިއުޕްމެންޓް ލިބޭ ކަމަށާއި، މިހާލަތުގައި އެހެން ގައުމުތަކުން ޑޮކްޓަރުންނާއި، ނަރުހުން ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް. -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން - މިނިސްޓަރ އަމީން ވިދާޅުވީ، ލުއިތަކެއް ދިނުމަށް ނިންމާފައިވަނީ މިހާތަނަށް ކުރެވުނު މަސައްކަތުން ގިނަ ކުރިއެރުންތަކެއް ލިބުމާއި ގުޅިގެން ކަމަށެވެ. އެގޮތުން، ރައްޔިތުން ހޭލުންތެރި ކުރުވައި ކުރެވުނު މަސައްކަތުގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްސްގެ ގޮތުގައި ފާހަގަކުރެވިފައިވާ މިންވަރާއި ބަލި ފެތުރޭ ނިސްބަތް ބޮޑުތަނުން ދަށް ކުރެވިފައިވާކަމަށް. މިނިސްޓަރ ވިދާޅުވީ އެކަކުގެ ކިބައިން އަނެކަކަަށް ބަލި ފެތުރުމުގެ ނިސްބަތް 3.8ން 1.4ށް ދަށް ކުރެވިފައިވާކަމަށެވެ. އަދި އެކަކު އަނެކަކާއި ބައްދަލުކުރެވޭ ނިސްބަތް 33 މީހުންނާއި ހިސާބުން 6 މީހުންނަށް ދަށްކުރެވިފައިވާކަމަށް. -- ފޮޓޯ: ރައީސް އޮފީސް