އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ އަންހެނަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު މޮރޮކޯގެ ހަސްފަތާލެއްގައި ކުރި އޮޕަރޭޝަނެއްގައި އުމުރުން ފަންސަވީސް އަހަރުގެ ހަލީމާ ސީސޭގެ ބަނޑުން ނެގި ނުވަ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް މާލީގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އަންހެން މީހާ މޮރޮކޯއަށް ގެންދިޔައީ އަލްޓްރާސައުންޑް ޓެސްޓުތަކަށް ފަހު އޭނާގެ ބަނޑުގައި ހަތް ކުދިން ތިބި ކަމަށް ފެނުމުންނެވެ. މޮރޮކޯއަށް ފޮނުވުމުގެ ޚަރަދާއި އެހެނިހެން ޚަރަދު ބެލެހެއްޓީ މާލީގެ ސަރުކާރުންނެވެ. މިކަން ސަރުކާރުން ކޮށްދިނީ މިއީ ދުނިޔޭގެ ރިކޯޑު ވިހެއުމަކަށް ވެދާނެ ކަމަށް ލަފާކޮށްފައެވެ.
ހަލީމާ ސީސޭގެ އޮޕަރޭޝަނުގައި ހަސްފަތާލުގެ ދިހަ ޑޮކްޓަރުންނާއި ފަންސަވީސް އެހީތެރިން ބައިވެރިވިއެވެ. އަލްޓްރާސައުންޑް ޓެސްޓުން ދެއްކި އަދަދަށްވުރެ ދެ ކުދިން އިތުރުވުމުން އެންމެންވެސް ތިބީ ވަރަށް ހައިރާންވެފައެވެ. އަދި އުފާވެސް ވެފައެވެ. އުފާކުރީ މަންމަޔާއި ތުއްތު ނުވަ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް ފެނުމުންނެވެ.
އެއްމާބަނޑު ނުވަ ކުދިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ. އޮޕަރޭޝަނެއް ކޮށްފައި މިހުރިހާ ކުދިން ނެގީ އަދި ދުވަސް ނުފުރެނީސް ކަމަަށްވާތީ ބައެއް ކުދިންގެ ބަރުދަން ހުރީ ވަރަށް ދަށުގައެވެ. އެހެންވީމާ މިހުރިހާ ކުދިން ދެތިން މަހަށް ހަސްފަތާލުގައި ބައިތިއްބަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
މިއީ ދުނިޔޭގެ ތާރީޚުގައިވެސް އެއްމާބަނޑު ނުވަ ކުދިން އުފަންވުމުގެ ތިންވަނަ ހާދިސާއެވެ. އެކަމަކު ދުނިޔޭގެ ރިކޯޑު ކަމަށް ފޮތުގައި އޮތީ އެއްމާބަނޑު 8 ކުދިން ވިހޭ އެމެރިކާގެ ނާދިޔާ ސުލައިމާނޭ ކިޔުނު އަންހެނެއްގެ ވާހަކައެވެ. އޭނާ އެއްމާބަނޑު 8 ކުދިން ވިހެއީ 2009 ގައެވެ. އެ ހުރިހާ ކުދިންވެސް ދުނިޔޭގައި އެބަތިއްބެވެ.
ގިނެސް ބުކް އޮފް ވޯލްޑް ރިކޯޑްސްގެ ފަރާތުން މިހާރު ދަނީ އައު ރިކޯޑުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެނގިފައިވެއެވެ.