އެމެރިކާގެ ސޯލްޓް ލޭކް ސިޓީން ހޮނުލޫލޫއަށް ދަތުރުކުރި މަތިންދާބޯޓެއްގެ ތެރޭގައި އަންހެނަކު ދުވަސް ނުފުރައި ކުއްޖަކު ވިހައިފިއެވެ.
ހުސްވި އެޕްރީލް މަހުގެ 28 ވަނަ ދުވަހު މަތިންދާބޯޓެއްގެ ތެރޭގައި ވިހެއީ ބަނޑަށް 29 ހަފުތާވީ އަންހެނެކެވެ. ބަނޑަށް 38 ހަފުތާ ނުވަންޏާ އެމެރިކާގެ އެތެރޭގެ އުދުހުންތަކުގައި ދަތުރު ކުރެވެއެވެ. އެގޮތުން މި އަންހެން މީހާއަށް ވެސް ދަތުރު ކުރުމުގެ ހުއްދަ ލިބުނީއެވެ.
ލަވީނާ މޮންގާއޭ ކިޔުނު މި އަންހެން މީހާ ހޮނުލޫލޫއަށް ދަތުރުކުރީ އާއިލާއާއެކު ޗުއްޓީ ދަތުރެއްގަައެވެ. ދަތުރުގެ މެދަކާ ހިސާބުން ކުއްލިއަކަށް ބަނޑުގައި ރިއްސައި ވިހެއުމުގެ ވޭން ކުރިމަތިވީއެވެ. އޭނާގެ ނަސީބު ރަގަޅުކަމުން ފްލައިޓުގައި ޑޮކްޓަރަކާއި ތިން ނަރުހުންވެސް ތިއްބެވެ. މި ހަތަރު މީހުންނަކީވެސް މިބާވަތުގެ އިމަޖެންސީއެއްގައި މިކަމަށް ތަމްރީނު ލިބިފައި ތިބި ބައެކެވެ. ޚާއްސަކޮށް ތިން ނަރުހުންނަކީ ޅަފަތުގެ ކުދިންގެ ސިއްހަތާބެހޭ ޚާއްސަ ބައެކެވެ.
މާބަނޑު މީހާގެ ހާލު ދެރަވުމުން ފްލައިޓުގެ އަޑުގަދަކުރާ ނިޒާމުން ހުރިހާ ޕެސިންޖަރުންނަށް އެންގީ ފްލައިޓުގައި ޑޮކްޓަރެއް ނުވަތަ ނަރުހަކު ހުރިއްޔާ އެހީތެރިވުމަށެވެ. ފްލައިޓުގައި މީހުން ތިއްބަސް ކަމަށް ބޭނުންވާނޭ ސާމާނު ނެތުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
ބޫޓުގެ ނާޑުވާ ބާރުކޮށްގެން ފޫޅުދަނޑި ކެނޑުމާއި އެޕަލް އަތުކުރީ ގަޑިޔަކުން ތުއްތު ކުއްޖާގެ ހިތުގެ ހިނގުން ބެލުންފަދަ ކަންކަން އެމީހުން ހަމަޖައްސައިލީ ލިބިފައިވާ ތަމްރީނުގެ އެހީގައެވެ.
ދެގަޑިއިރު ފަހުން ހޮނުލޫލޫ އެއަރޕޯޓަށް ބޯޓު ޖެއްސިއިރު ހަވާއީގެ ޚާއްސަ މެޑިކަލް ޓީމެއް އެއަރޕޯޓަށް އައިސް ތިއްބެވެ. އެމީހުންގެ ބެލުމުގެ ދަށުން ދެމައިން ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އަންހެން މީހާގެ ހާލު އާދައިގެ ގޮތެއްގައި ހުއްޓަސް ދުވަސްނުފުރޭ ކުއްޖަކަށްވާތީ ތުއްތު ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.
މަތިންދާބޯޓު ތެރޭގައި އަންހެން މީހާއަށް އެހީތެރިވި ޑޮކްޓަރު ބުނީ އަންހެން މީހާއާއި ތުއްތު ދަރިފުޅުގެ ނަސީބު ވަރަށް ރަގަޅު ކަމަށެވެ. ފުލައިޓުގެ ދަތުރުވެރިންގެ ތެރޭގައި މިޒާތުގެ ކަމަކަށް ތަމްރީނު ލިބިފައިތިބި ބަޔަކު ނެތްނަމަ ދެމައިންގެ ފުރާނަ ސަލާމަތްވުންވެސް ދުރުކަމަށް އޭނާ ބުންޏެވެ.