އިންޑިޕެންޑެންޓް ޓެލެވިޒަން ނެޓްވާކް، އައިޓީއެންގެ ޝޯއަކުން ހުސްވި ހަފުތާގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ފެނުނު އިރު އޭނާގެ ދިގު އިސްތަށިގަޑުގެ ސަބަބުން ބެލުންތެރިންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ.
އުމުރުފުޅުން 68 އަހަރުވީ ޓޯނީ ބްލެއަރގެ ދިގު އިސްތަށިގަޑުގެ ސިއްރާމެދު ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވެފައިވަނީ މިއީ ކޮވިޑާ ގުޅިގެން ދޭތެރެ ދޭތެރެއިން އަންނަ ލޮކްޑައުންގެ ނަތީޖާ ކަމުގައެވެ. ލޮކްޑައުން ތެރޭގައި ގެއިން ބޭރަށް ނުނިކުމެވުމާއި ސެލޫންތައް ބަންދުކުރުން ފަދަ ކަންކަމުގެ ސަބަބުން ވަރަށް ގިނަ ފިރިހެނުންގެ އިސްތަށިގަޑު ވަނީ ދިގުވެފައެވެ. އޭގެތެރޭގައި ވަރަށް މަޝްހޫރު ފަންނާނުންވެސް ހިމެނެއެވެ. ދިގު އިސްތަށިގަޑަކާއި ލޮކްޑައުން ގުޅުވި އެފަދަ އެއް ފަންނާނަކީ ފިލްމީތަރި ބްރެޑް ޕިޓެވެ.
ހަޔާތުގައި ދުވަހަކުވެސް މިވަރަށް އިސްތަށިގަޑު ދިގުކުރިންތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޓޯނީ ބްލެއަރ ވިދާޅުވީ އެންމެ ޒުވާން ދައުރުގައި މިއުޒިކް ބޭންޑެއްގައި އުޅުނު ދުވަސްވަރު އެ ދާއިރާގެ ގިނަ މީހުން ތިބޭ ގޮތަށް އިސްތަށިގަޑު ދިގުކުރި ކަމަށާއި އޭގެ ފަހުން ދުވަހަކުވެސް މިވަރު ނުވާ ކަމުގައެވެ.
މިއުޒިކް ބޭންޑެއްގައި ޓޯނީ ބްލެއަރ އުޅުއްވީ ސެއިންޓް ޖޯންސް ކޮލެޖުގައި ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. ބްލެއަރ އުޅުއްވި ބޭންޑުގެ ނަމަކީ "އަގްލީ ރޫމަރސް" އެވެ. އެއީ 1970 ގެ އަހަރުތަކުގެ ކުރީކޮޅު ބްލެއަރ އިސްވެ ހުންނަވައިގެން އުފެއްދެވި ބޭންޑެކެވެ. އޭގައި ބްލެއަރއަށް އޮންނަނީ ގިޓާ ކުޅުމާއި ލަވަ ކިޔުމެވެ.
އައިޓީއެންގެ ޝޯއެއްގައި ބްލެއަރ ބައިވެރިވެވަޑައިގެންނެވީ ދުނިޔޭގެ ތަފާތު މައްސަލަތަކާމެދު އޭނާގެ ރައުޔު ހާމަކުރެއްވުމުގެ ގޮތުންނެވެ. ޓޯނީ ބްލެއަރއަކީ 1997ން 2007ށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ 1997 ގައި ބޮޑުވަޒީރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވިއިރު އޭނާގެ އުމުރުފުޅަކީ 43 އަހަރެވެ. އެހެންވެ ބްލެއަރ ހިމެނިވަޑައިގެންނެވީ މިޒަމާނުގައި އިނގިރޭސި ބޮޑުވަޒީރުކަން ކުރެއްވި އެންމެ ޒުވާން ލީޑަރު ކަމުގައެވެ.
ވިދިވިދިގެން ތިން އިންތިޚާބު ލޭބަރ ޕާޓީއަށް ކާމިޔާބުކޮށްދެއްވައި އެންމެ ގިނަ ދުވަހު އެ ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރެއްވުމުގެ ރިކޯޑު އޮތީވެސް ބްލެއަރ އަށެވެ. ދުނިޔެއަށް އޭނާ ބޮޑަށް މަޝްހޫރު ވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑަބްލިޔު ބުޝްއާ ގުޅިވަޑައިގެން އިރާގަށް ސިފައިން ފޮނުވައި ރައީސް ސައްދާމުގެ ވެރިކަން ނިމުމަކަށް ގެނެސް އިރާގު ސުންނާފަތިކުރި ހާދިސާއާ ގުޅިގެންނެވެ.
އިރާގުގައި ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު ހުރިކަމަށް ވަކާލާތުކުރައްވައި އިރާގު ހިފަންޖެހޭ ކަމުގެ ހުއްޖަތު އެދުވަސްވަރު އެންމެ ބޮޑަށް ދެއްކެވި ބޭފުޅަކީ ޓޯނީ ބްލެއަރ އެވެ.