ކާފާފުޅު ޕްރިންސް ފިލިޕް، ދަ ޑިއުކް އޮފް އެޑިންބްރާގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ޕްރިންސް ހެރީ އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ދަތުރުހައްދަވަމުން ގެންދަވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް، ދާދި ފަހުން ދެއްވި ބަސްދީގަތުމަށް ފަހު ޝާހީ އާއިލާގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ. މި ބަސްދީގަތުމުގައި ހެރީގެ ދެކަނބަލުން ވަނީ ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
ވީމާ މި ދަނޑިވަޅުގައި ޕްރިންސް ހެރީ އެނބުރި، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ނަތީޖާ އެންމެ ރަނގަޅު ނުވުމަކީ އެކަށީގެންވާކަމެކެވެ. ޕްރިންސް ހެރީ ވިންޑްސާ ގަނޑުވަރަށް ވަޑައިގަންނަވާނީ ފެށޭ ހަފުތާގެ ތެރޭގައެވެ. އެކަމަކު މި ދަތުރުފުޅުގައި އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އަދި ލިބިފައެއް ނުވެއެވެ.
ހެރީގެ ދަތުރުފުޅުގައި އަނބިކަނބަލުން މޭގަން ބައިވެރިވެ ވަޑައިގެންނެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ އެކަމަނާ މިހާރު ދެވަނަ ދަރިފުޅަށް އާލާސްވެއިންނެވީމައެވެ.
ޝާހީ އާއިލާއަށް ކުރިމަތިވެފައިވާ މި ހިތާމައިގެ ދަނޑިވަޅުގައި، އާންމުކޮށް ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން އަޅާ ފިޔަވަޅުތައް ހެރީއާ މެދު އެމެރިކާއިން ނާޅާނެއެވެ. އަދި އާންމުކޮށް ބޭރުގެ އުދުހުންތަކުގައި، އެމެރިކާގައި އަމަލު ކުރަމުންދާ ކަރަންޓީނުގެ އުސޫލުތައް ހެރީގެ މައްޗަކަށް ނުހިނގާނެއެވެ.
ބެލެވޭ ގޮތުގައި ހެރީ ކޮވިޑް ޓެސްޓް ކުރެވޭނީ އެމެރިކާއިން ފުރާވަޑައިގެންނެވުމުގެ ކުރިންނާއި، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުންނެވެ. އެހެންކަމުން، އާންމުކޮށް އިނގިރޭސި ވިލާތަށް އަންނަ މީހުންނާ އެއްގޮތަށް 10 ދުވަހު ކަރަންޓީނުގައި ހުންނަވާކަށް ނުޖެހޭނެއެވެ.
ޕްރިންސް ފިލިޕް ހުކުރު ދުވަހު އަވަހާރަވިއިރު، މޭގަންއާއި ހެރީ ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ބަސްދީގަތުމަށް ފާއިތުވީ އެންމެ މަހެކެވެ. ޕްރިންސް ފިލިޕްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން، އެ ބަސްދީގަތުން ޓީވީން ދެއްކުން ފަސްކޮށްދިނުމަށް އެދި ޝާހީ ގަނޑުވަރުން ކުރި ކޯލުތަކަށް ޕްރިންސް ހެރީ ޖަވާބުދެއްވާފައި ނުވާކަމަށް މީގެކުރިން އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފައިވެއެވެ.
ޕްރިންސް ހެރީ އެންމެ ފަހުން، ކާފާފުޅު ޕްރިންސް ފިލިޕްއާ އެކު ފެނިފައިވަނީ، 2019 ވަނަ އަހަރުގެ މާޗުމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހުގެ ފޮޓޯއިން އިތުރަށް ފެންނަނީ، ރާނީ އެލިޒެބަތާއި މޭގަންއާއި ދަރިކަލުން އާޗީ އަދި މޭގަންގެ މަންމައެވެ.