ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ބިލް ގޭޓްސްގެ ހިތް މިލްކުވެފައިވަނީ އުމުރުން 70 އަހަރުވެފައިވާ އަންހެނަކަށް ކަން އެނގުނީމާ އުމުރުން ދުވަސްވީ އަންހެނުންނާ ހިތާވުމުގެ މައްޗަށް ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި އުމުރުން ދުވަސްވީ އަންހެނުން ދެކެ ވެވެނީ މާވަރުގަދަ ލޯތްބެކެވެ. ދުވަސްވީވީހެން ލޯބިވެސް ވަނީ އިތުރެވެ. މިހެން ބުނާ މީހުން އެގޮތަށް ބުރަވަނީ ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ ދިރިއުޅުމަށް ރިއާޔަތްކޮށްފައެވެ.
ތިމާޔަށްވުރެ އުމުރުން ދޮށީ ބައިވެރިޔަކު އިޚުތިޔާރުކޮށްގެން ނިކަން ލޯބިން އުޅޭ މަޝްހޫރު މީހުންގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއެވެ. އުމުރުން 36 އަހަރުވީ ހެރީ 2018 ވަނަ އަހަރު އަލަށް ކައިވެންޏެއް ކުރެއްވިއިރު ބައިވެރިޔަކަށް އިޚުތިޔާރު ކުރެއްވީ ހެރީއަށް ވުރެ ތިން އަހަރު ދޮށީ އަންހެނެކެވެ. ކުރިން އެހެން މީހަކާ އިނދެ ވަރިވެސް ވެފައި ހުރި އަންހެނެކެވެ. އެއީ މޭގަން މާކްލްއެވެ.
މޭގަން މާކްލް އާއި ހެރީގެ ލޯބީގެ ވާހަކައަކީ މުޅި ދުނިޔެއަށް މަޝްހޫރު ވާހަކައެކެވެ. ކައިވެންޏަށް ފަހު އެލޯބި ވަކިން އިތުރުވިއެވެ. އަދިވެސް ދަނީ އިތުރުވަމުންނެވެ. ހުއްޓުމެއް ނެތެވެ. މޭގަން ވިދާޅުވީމާ ޝާހީ އަމީރުކަމާއި ޝާހީ އިއްޒަތާއި ދެންވެސް ހުރިއްޔާ ހުރި އެއްޗެއް ދޫކުރައްވައި އިނގިރޭސިވިލާތް ވެސް ދޫކުރައްވައި ޕްރިންސް ހެރީ އެ ހުންނެވީ "ވީހާލެއްގައި ވާން" މޭގަން މާކްލްއާއެކު އެމެރިކާގައެވެ. ބޮޑުވެގެންވާ ރަސްކަމެއްގެ ޝާންޝައުކަތަށް ވުރެ ހެރީގެ ކުރިމަތީގައި މަތިވެރިކަން ބޮޑީ މޭގަންގެ ލޯތްބެވެ.
ޕްރިންސް ހެރީގެ ބަފައިކަލުން ޕްރިންސް ޗާލްސް ފެތެނީވެސް މި ގިންތިއަށެވެ. ދުނިޔޭގެ އެންމެ ރީތި އެންމެ ފުރިހަމަ އަންހެން ސާހިބާ ކަމަށް ގިނަބަޔަކަށް ގަބޫލު ކުރެވުނު ޕްރިންސެސް ޑަޔާނާ ވަރިކުރައްވައި ހަޔާތުން ފައްސާލައްވައި ދެން ޕްރިންސް ޗާލްސް އިޚުތިޔާރު ކުރެއްވި އަނބިކަނބަލަކީ އެމަނިކުފާނަށްވުރެ ވެސް އެއް އަހަރު ދޮށީ ކެމީލާ ޕާކަރެވެ. ކުރިން އެހެން މީހަކާ އިނދެ ދެ ދަރިންވެސް ލިބިފައިހުރި އަންހެނެކެވެ.
ތިމާޔަށްވުރެ ތޭރަ ސާދަ އަހަރު ހަގު އަދި ރީތިކަން ހުސްކޮށްގެން ހުރި އަންހެނަކު ދޫކޮށްފައި ޕްރިންސް ޗާލްސް އިޚުތިޔާރު ކުރެއްވީ އެހުރިހާ ކަމެއްގެ އިދިކޮޅެވެ. ކެމީލާއަކީ ޑަޔާނާއަށްވުރެ މާ ކުރިން ޗާލްސް ހިތާވި މީހެކެވެ. އެކަމަކު ކައިވެނި ކުރެވޭ ގޮތް ނުވީއެވެ. ޑަޔާނާއާއި ކައިވެނި ކުރެއްވުމަށް ފަހު ވެސް ޗާލްސްގެ ހިތް އޮތީ ކެމީލާގެ އަތުގައެވެ. އެދެވެނީ އޭނާއަށެވެ. އެންމެ ފަހުން ޑަޔާނާ ވަރިކުރައްވާފައި އެންމެންގެ ރައުޔާ ދެކޮޅަށް ކެމީލާއާ ކައިވެނި ވެސް ކުރެއްވީއެވެ. ރާނީ ކޯފާވެގެން ވަލީ އަހުދުކަމުން ވަކި ކުރެއްވިއަސް ފަރުވާލެއް ނެތޭ، ރަސްކަމަށްވުރެ މާ ބޮޑަށްވެސް އެދެވެނީ ކެމީލާއަށޭ ވިދާޅުވެފައެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯނަކީ ވެސް މި ލިސްޓުގެ ރަން ވަނައެކެވެ. އުމުރުފުޅުން 43 އަހަރުވީ މެކްރޯންގެ އަނބިކަނބަލުން ބްރިޖިޓްގެ އުމުރުފުޅަކީ 68 އަހަރެވެ. ތިޔަ ވިދާޅުވެވުނީ ރަނގަޅަށެވެ. ފްރާންސްގެ ފަސްޓް ލޭޑީ އަކީ ރައީސަށްވުރެ ފަންސަވީސް އަހަރު ދޮށީ ބޭފުޅެކެވެ. ބްރިޖިޓަކީ އެހެން މީހަކާ އިނދެގެން މެކްރޯނާ ދާދި އެއް އުމުރެއްގެ ކުދިންވެސް ލިބިފައިވާ ކަނބަލެކެވެ. އެކަމަކު އެއީ މެކްރޯނަށް މައްސަލައެއް ނޫނެވެ. އެހެންވީމާ 2007 ވަނަ އަހަރު މެކްރޯން ވަނީ ބްރިޖިޓާ ކައިވެނި ކުރައްވާފައެވެ. ބްރިޖިޓަކީ މަދަރުސާގައި މެކްރޯން އުޅުއްވި ޒަމާނުގައި އެމަނިކުފާނުގެ ޓީޗަރެކެވެ. އޭރުވެސް ދުވަސްވެފައިހުރި ޓީޗަރެކެވެ.
ރިޔާސީ ގަނޑުވަރާއި ގަނޑުވަރުން ބޭރުގައި ވެސް މެކްރޯން އުޅުއްވަނީ ވަރަށް ވަފާތެރި އުޅުއްވުމެކެވެ. ކަން ބަލައި ހޯދާ މީހުން އުޅެއުޅެވެސް ލޯބި ފަނޑުވާ ކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އުމުރުން ހަގު އެހެން ލޯބިވެރިޔަކު ގެންގުޅުއްވާ ކަމުގެ ނިޝާނެއްވެސް ނުފެނެއެވެ. އެއްފަހަރު ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ކޮންމެވެސް ކަމަކާ މެކްރޯން ދެކެ ނުރުހިގެން ތިމަންގެ އަނބިމީހާގެ ސޫރަ ބަލާފައި ދެން ކަލޭގެ އަނބިމީހާގެ އުމުރާއި ސޫރަ ބަލައިލާށޭ ވިދާޅުވީމާ މެކްރޯންގެ ޖަވާބު ވަރަށް ކުރުވެފައި ފޮންޏެވެ. ވިދާޅުވިއެވެ. އަނބި ރީތީ ހެވިއްޔާއެވެ. ރީތި ހުތުރު މިނާ ތަރާދަކީ ލޮލެއް ނޫނެވެ.
ބިލް ގޭޓްސްއަށް ވެގެން ދިޔައީވެސް މިކަހަލަ ގޮތެކެވެ. އެންމެ ފުރަތަމަވެސް ހިތާވެވުނީ ގޭޓްސްއަށްވުރެ ފަސް އަހަރު ދޮށީ އަންހެނަކާއެވެ. އެއީ އޭން ވިންބްލޭޑެވެ. އޭރުވެސް އަދި މިހާރުވެސް ގޭޓްސްގެ ކަމަކީ ވިންބްލޭޑުގެ އަތުގައި ހިފައިގެން އެކި ގޮނޑުދޮށުގައި ހިނގަހިނގައިފައި ސޮފްޓްވެއަރގެ ވާހަކަ ދެއްކުމެވެ. ކޮންމެވެސް ސަބަބަކާ ލައިގެން މި ދެމީހުންނަށް ކައިވެނި ކުރެވޭގޮތް ނުވީއެވެ. އެހެންވެގެން ބިލް ގޭޓްސް ކައިވެނި ކުރީ މެލިންޑާއާއެވެ. މެލިންޑާއަކީ ގޭޓްސްއަށް ވުރެ ދިހަ އަހަރު ހަގު އަންހެނެކެވެ.
ކިތަންމެ ހަގު އަންހެނަކަސް އަދި އެހެން މީހުންނަށް ކިތަންމެ ރީތި އަންހެނަކަސް މެލިންޑާއަށް ވުރެ ދެންވެސް ބިލް ގޭޓްސްއަށް ރީތިވީ އޭން ވިންބްލޭޑެވެ. އޭނާއާއެކު ޗުއްޓީ ހޭދަކުރަން ދަނީ މެލިންޑާ ގާތުގައި ބުނެފައި ހަމަ ފާޅުގައެވެ. ސިއްރުކަމެއް ނެތެވެ. ފޮރުވާކަށް ނުވެސް އުޅެއެވެ. މިކަންކަން ބޮޑުވެގެން ގޮސް އެންމެފަހުން ވަރިޔާ ހަމަޔަށްވެސް ދިޔައީއެވެ. ބިލް ގޭޓްސްގެ މުޅި މިލްކިއްޔާތު ހަމަޔަށް ދެބައިކޮށް އެއްބައި މެލިންޑާއަށް ދޭންޖެހޭކަން އެނގޭއިރުވެސް މުދަލާއި ފައިސާއަށް ވުރެ ބިލް ގޭޓްސް އަށް މުހިންމުވީ ވިންބްލޭޑްގެ އަތުގައި ހިފައިގެން ގޮނޑުދޮށުގައި ދެކޮޅަށް ހިނގުމެވެ.