ކ. މާލެ
|
21 ޖޫން 2024 | ހުކުރު 00:01
އޮޒެމްޕިކް އިންޖެކްޝަން
އޮޒެމްޕިކް އިންޖެކްޝަން
ރޮއިޓާސް
ހަކުރު ބަލި
ފޭކް އޮޒެމްޕިކް އަށް ޑަބްލިޔުއެޗްއޯ އިން އިންޒާރުގެ އެލަޓް ނެރެފި
ހަކުރު ބަލީގެ ފަރުވާ އެއްގެ ގޮތައް ބޭނުން ކުރާ އޮޒެމްޕިކް އިންޖެކްޝަންގެ ޑިމާންޑް ބޮޑުވެ ފޭކް ބޭސް އުފައްދައިގެން އުޅެނީ ހަށިގަނޑު ލުއި ކުރާ ބޭހެއް ގޮތުގައި ދެކިގެން އޮޒެމްޕިކް ގެ ޑިމާންޑް މައްޗަށް ދިއުމުގެ ސަބަބުން ކަމަށްވޭ.

ފޭކް އޮޒެމްޕިކް އާއްމު ވަމުން ދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކަމުގެ އިންޒާރު ދީ ދުނިޔެއަށް އެލަޓް ނެރެފިއެވެ.

އޮޒެމްޕިކް މަގުބޫލު ވެގެން އުޅެނީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި ދެކިގެން ކަމަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް އޮޒެމްޕިކް އިންޖެކްޝަން ގެ މައިގަނޑު ބޭނުމަކީ ހަކުރުބައްޔަށް ފަރުވާ ކުރުމެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ފޭކް ބޭހުގެ ސަބަބުން އިންސާނުންގެ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ލަފާ ދެނީ ގޮތް ނޭގޭ ސޯޝަލް މީޑީއާ ނުވަތަ އޮންލައިން ފަރާތްތައް މެދުވެރިކޮށް ބޭސް ނުހޯދުމަށެވެ. ޑަބްލިޔުއެޗްއޯ ގެ އިރުޝާދަކީ، ޑޮކްޓަރަކު ނުވަތަ އިތުބާރު ކުރެވޭ ފަރާތެއް މެދުވެރި ކޮށްގެން ނޫނީ ބޭސް ނުހޯދުމަށެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އޮޒެމްޕިކް ގައި އެކުލެވޭ ސެމަގްލުޓައިޑް ގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ.

އާއްމު ކޮށް ހަފްތާއަކު އެއްފަހަރު ޖަހާ މި އިންޖެކްޝަން ގެ ސަބަބުން ސިކުނޑިއަށް ލިބޭ ސިގްނަލް އަކީ އިންޖެކްޝަން ޖެހުމުގެ ސަބަބުން ބަނޑުހައިކަން ފިލާ ބަނޑުފުރިފައި ހުންނަ ގޮތް އިހްސާސު ވުމެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ކެއުން މަދުވެ ހަށިގަނޑު ލުއިވާ ގޮތް ދިމާވަނީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މައްސަލަ އަކަށް ވެގެން އުޅެނީ ހަށިގަނޑު ލުއި ކުރާ ބޭހެއްގެ ގޮތުގައި ހަކުރު ބަލި ނުހުންނަ މީހުން މި ބޭހަށް ޝައުގުވެރިކަން އުފެދި ބޭހަށް އޮތް ޑިމާންޑް ބޮޑުވުމުން ފޭކް ބޭހަށް މާކެޓެއް އުފެދިގެން ދިއުމެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ އެ ޖަމްއިއްޔާ އަށް އޮޒެމްޕިކް ގެ ފޭކް ބޭހުގެ ޑިމާންޑް އިތުރުވަމުން ދާކަން 2022 ވަނަ އަހަރުން ފެށިގެން ފާހަގަ ވެފައިވާ ކަމަށެވެ.

އޮޒެމްޕިކް ގެ ފޭކް ބޭސް ޔޫކޭ، ޔޫއެސް އަދި ބްރެޒިލުގެ އޮފިޝަލުން އެ ގައުމުތަކުން އަތުލައިގަނެފައިވާ ކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ފޭކް އޮޒެމްޕިކް އިންޖެކްޝަންގައި ސެމަގްލުޓައިޑް އެކުލެވިފައި ނުހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނުނީ އިންސިއުލިން ފަދަ އެހެން ބޭހެއް އެކުލެވިފައި ހުރެދާނެ ކަމަށެވެ. އެހެން ކަމުން ގޮތް ނޭގޭ ސިއްހީ މައްސަލަ އެއް އެކަމުގެ ސަބަބުން ކުރިމަތި ވެދާނެ ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ޔޫކޭ ގެ އޮފިޝަލުން އަތުލައިގަތް ފޭކް އޮޒެމްޕިކް ބެޗް އާ ބެހޭ ގޮތުން ބީބީސީން ބުނެފައިވަނީ، ބޭސް އެތެރެކޮށްފައިވަނީ އޮސްޓްރިއާ އާއި ޖަރުމަނު ވިލާތުގެ ހުއްދަ އޮންނަ ސަޕްލައިޔަރުން ކަމަށެވެ. އަދި ބަންދުކޮށްފައި ހުންނަނީ އަސްލު އޮޒެމްޕިކް ބަންދުކޮށްފައި ހުންނަ ގޮތާ އެއްވެސް ތަފާތެއް ނުހުންނަ ގޮތައް ކަމަށްވެސް ބުނެފައިވެއެވެ.

ހަށިގަނޑު ލުއި ކުރުމަށް ޚާއްސަ ކޮށް އޮޒެމްޕިކްގެ ބާރުގަދަ ވައްތަރެއް "ވެގޮވީ" ގެ ނަމުގައި މިހާރު ވަނީ އުފައްދާފައެވެ. އެއީ އިނގިރޭސިވިލާތުގައިވެސް ބަރުދަން ލުއިކުރާ ޚާއްސަ ކްލިނިކްތަކުން ސިއްހީ މާހިރުންގެ ބޭސް ސިޓީއަށް ދޫކުރާ ބޭހެއް ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

- ކޮމެންޓް