"އަޅުގަނޑަށް އެންމެ އުނދަގޫވި ކަމަކީ އެންމެ ކައިރީގައި ހުރި އެންމެ ލޯބިވާ މީހާ އަޅުގަނޑު ދޫކޮށްފައި ދާން ނިންމި ނިންމުން. ވަރަށް އުންމީދު ކުރިން މިއަދާހަމައަށް ވެސް އެކުގައި ހުންނާނެ ކަމަށް، ވަރަށް ހިތުގައި ޖެހުނު" މިއީ ކިޑްނީއަކަށްޓަކައި އެދި އާދޭސް ކުރަމުންދާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކުޅިވަރު ޕްރެޒެންޓަރު ސާއިދު އަހުމަދު އޭނާގެ ހަޔާތުގެ ސަފުހާތަކުގެ ވާހަކަ ފެށި ގޮތެވެ.
މީހުން ބުނާތީ އަޑު އަހަމެވެ. މީހެއްގެ އަސްލު ކުލަ ފެންނާނީ އެމީހާ ހާލުގައި ޖެހޭ ދުވަހު ނުވަތަ މީހެއްގެ އަޅާލުމަށް އެމީހާ އެންމެ ބޭނުންވާ ދުވަހުއެވެ. ގިނަ ފަހަރަށް އެކީގައި އުޅޭނެ ކަމަށް އެތައް ހުވާތަކެއްކޮށް، ދިރިއުޅުމުގައި ކުލަ ޖައްސައިދީ އުފާކޮށްދޭން ހުންނަ މީހާ އެންމެ ހީވެސް ނުކުރާ ދަނޑިވަޅުގައި ދޫކޮށްދެއެވެ. އެކުގައި މަރުވަންދެން އުޅޭނެކަމަށް، އަދި ކިތަންމެ ބޮޑު މުސީބާތެއް ކުރިމަތިވި ނަމަވެސް ދެގޮތެއް ނުވެ އެކުގައި ސާބިތުކަމާއެކު ހުންނާނެ ކަމަށް ބުނާ މީހުން ވެސް އެ އަތުން ދޫކޮށްލާފައި ދެއެވެ. އެއްވެސް އެއްޗެއް ހިތަށް ނާރާ ކަހަލައެވެ. ކޮންމެއަކަސް މިއީ ދުނިޔެ އަޅުގަނޑުމެންނަށް ދައްކަމުންދާ ހަގީގަތެވެ. ހިތި ނަމަވެސް މި ފެންނަ މަންޒަރުތަކުން ހިތްފަޅައިގެންދެއެވެ.
ސާއިދުއަށް އެންމެ ފުރަތަމަ ކިޑްނީ ފެއިލްވިކަން އެނގުނީ ކުޑަކަމުދާއިރު ލޭ އަންނަން ފެށުމުން އެކަމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އޭޑީކޭގެ ޑޮކްޓަރަށް ދެއްކުމުން ކިޑްނީގައި މައްސަލަތަކެއް އުޅޭކަން އެނގުނެވެ. އެއަށްފަހު އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމުން ކިޑްނީ މަސައްކަތް ނުކުރާ ކަމަށާއި ކިޑްނީގައި ބާކީ 13 ޕަސަންޓް ހުރިކަމަށް ޑޮކްޓަރު ބުންޏެވެ.
އެވަގުތު ސާއިދުއަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އެހާ ފިޓްކޮށް ހުރި މީހަކު ކުއްލިއަކަށް ބަލިކަމަށް ޑޮކްޓަރު ބުނުމުން މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ.
ޑޮކްޓަރު ވާހަކަ ދައްކަން ފެށީ ވަރަށް ދުރުން، އޭރުން ފެށިގެން އެނގޭ ގޯހެއް އުޅޭކަން. ޑޮކްޓަރު އެވާހަކަ ދެއްކުމުން ކުއްލިއަކަށް ހުއްޓުން އެރި އެއްކޮށް މީހާ، އެ ޚަބަރު އެހެން މީހުންނަށް ދިނީ އަންހެނުންގެ ކޮއްކޮއެއް. އެހިސާބުން މިހާގެ ހާލަތު ވަރަށް ގޯސްވި، ދިރިއުޅުން ހުއްޓުނުކަމުގެ އިހުސާސެއް ކުރެވުނުސާއިދު އަހުމަދު
ސާއިދު ބުނީ ދެ ކިޑްނީ ފެއިލްވިކަން އެނގުނު ހިސާބުން އަދި ހާލު އެހާ ދެރަކަން އެނގުނު ހިސާބުން ދެން މަސައްކަތް ފެށީ އަވަހަށް ފަރުވާ ހޯދުމަށް ކަމަށެވެ. އަދި އޭރު އާއިލާގެ އެހީތެރިކަމާއެކު ފަރުވާ ފެށުމަށް އިންޑިއާއަށް ދަތުރުކުރިއިރު ކިޑްނީ ހުރީ 5 ޕަސަންޓްގައި ކަމަށެވެ. އިންޑިއާ ގޮސް ޑައިލަސިސް ހެދިއެވެ. 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު 400ށްވުރެ ގިނަ ޑައިލަސިސް ސެޝަން އޭނާ ވަނީ ނަގާފައެވެ. އަދި މިއީ ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ނަގަން ޖެހޭ ސެޝަނަކަށްވުމުން ވަރަށް ގައިގައި ވޭން އަޅާކަމަށް ސާއިދު ބުންޏެވެ.
ޑައިލަސިސް އަކީ ވަރަށް ވޭން ދެނެވި ކަމެއް، މެޝިނުގެ އެހީގައި މީހާ މިހިރީ. 400ށްވުރެ ގިނަ ސެޝަން މިހާރު ހެދިއްޖެ، ޑައިލަސިސް ހަދަން ފަށައިފިއްޔާ އެއަށް މީހާ މިޖެހެނީ ތަބާވާން. އިތުރު ގޮތެއް ނެތްސާއިދު އަހުމަދު
އާއިލާގެ މީހުންގެ ފަރާތުން އެންމެ ފުރަތަމަ ފަރުވާ ހޯދުމަށް އެއްބާރުލުން ލިބުނު ނަމަވެސް އާއިލާގެ ބައެއް މީހުން ވަކި ހިސާބަކުން ސާއިދުގެ އަތުން ދޫކޮށްލިއެވެ. ކިޑްނީ ހަދިޔާ ކުރާނެ ކަމަށް ބުނެ އެކުގައި ތިބި މީހުން ވެސް ފަހަތަށް އެޅީ ފިޔަވަޅެކެވެ. މިއަދާ ހަމައަށް އައިރުވެސް އެގޮތަށް މީހާ އެކަނިކޮށް ބާކީ ކޮށްލަން ނިންމީ ކޮން ސަބަބަކާހެދި ކަމެއް ސާއިދުއަކަށް ނޭނގެއެވެ. 2019 ވަނަ އަހަރުގެ މާރޗްއާ ހަމައަށް އާއިލާގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބުމުން ސާއިދު ނިންމީ ކިޑްނީއެއް ހޯދުމަށްޓަކައި އެކަނި ތެދުވާށެވެ.
އާއިލާ ތެރޭގައި ވަރަށް ޚިޔާލު ތަފާތުވުންތައް އުފެދިގެންދިޔަ. މިކަން ނުވަންޏާ ވެސް ބުނިން ބުނާށޭ، މިކަމުގެ އެންމެ ބޮޑު ޝަކުވާއަކީ ބަލިމީހާ ތެދުވެ އާދޭސް ކުރަން ޖެހުން. އަޅުގަނޑު ބުނިން އެކަމެއް ނުކުރާނަމޭ. އޭރު އިއުލާން ކޮށްގެން 12 މީހުން ލިބުނު، އެހެންނަމަވެސް ބައެއް މީހުން އާއިލާއާ ދެކޮޅަށް ނިކުމެ މަސައްކަތް ކުރި، ބާކީ ތިބި މީހުން އަޅުގަނޑަށް ހަމަ ދިނީ ކެހި، ޓެސްޓް ނަގަން އޮންނަ ދުވަހު ފޯނެއް ނުނަގާނެ، ޚަބަރެއް ނުވާނެ، ބައެއް މީހުންނަށް ގުޅާ ގުޅާ ވެސް ޚަބަރެއް ނުވާނެސާއިދު އަހުމަދު
ކޮންމެޔަކަސް ކިޑްނީ ހޯދުމަށްޓަކައި ފެށި މި ދަތުރުގައި ވަރަށް ގިނަ ނާކާމިޔާބީތަކާ އޭނާ ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް ހިތްވަރު ދޫނުކޮށް އަދިވެސް އެ މަސައްކަތުގައި ދެމިއެބަހުއްޓެވެ.
2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތް ސާއިދު އަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިޔެކެވެ. އޭނާ އަކީ މޮޅު ފުޓްބޯޅަ ކޮމެންޓޭޓަރެކެވެ. ރާއްޖޭގައި ބޭއްވިގެން ދިޔަ ބޮޑެތި އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތްތަކުގައި އަދި ލީގުތަކުގައި ވެސް އޭނާގެ މި ހުނަރު ވަރަށް ފުރިހަމައަށް ފެނިގެންދިޔައެވެ. ގަދަވެ ސަލާމަތުން ހުރިއިރު އޭނާ އަކީ ވަރަށް ރައްޓެހިން ގިނަ މީހެކެވެ. މީހާ ބަލިވި ހިސާބުން އެހުރިހާ ރައްޓެހިން ގެއްލިގެން ދިޔައެވެ. ލޯބިވާ މީހާ ވެސް ދޫކޮށްފައި ދިޔައީއެވެ. އެހެންނަމަވެސް އެ އެންމެން އޭނާ ދޫކޮށްފައި ދިޔައިރު ވެސް އެންމެ ގާތް އެކުވެރިޔާ ދެގޮތެއް ނުވެ އޭނާ އާއެކު ދެމިހުއްޓެވެ.
އަޅުގަނޑަށް ފެނުނީ ޒިންމާ ނަގަން ތިބި މީހުން، ކޮންމެވެސް ބަޔަކު އަޅުގަނޑާމެދު އިހްމާލުވިތަން، މީގެ ތެރޭގައި ވަރަށް ގިނަ ރައްޓެހިން ހިމެނޭ، ބަލިވުމަށްފަހު އެމީހެއްގެ ހާލު ބަލަންޖެހޭނީ އެމީހެއްގެ ރައްޓެހިން، މީހާއަށް އެންމެ އެހީތެރިކަން ބޭނުންވާ އާއިލާގެ ފަރާތުން މީހާ ވަރަށް މާޔޫސްވި. ނަފްސު ކޮންޓްރޯލް ވެސް ނުވި، ވަރަށް ގިނަ ރައްޓެހިން ގެއްލިގެން ދިޔަ. އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އަޅުގަނޑުގެ އެންމެ ލޯބިވާ އެކުވެރިޔާ އަޅުގަނޑާއެކު ހުރުން، ހިތްވަރު ދިނުންސާއިދު އަހުމަދު
ސާއިދު އެންމެ ބޭނުންވި ވަގުތު ގިނަ މީހުން އޭނާ ދޫކޮށްފައި ދިޔުމުން ދުނިޔޭގެ ހަގީގީ ކުލަވަރު އޭނާއަށް ފެނުނެވެ. އަދި މިކުލަވަރުތަކާއެކު ދުވަހަކުވެސް އުންމީދު ނުކުރާ އެތަކެއް ކަންތައްތަކާއި އޭނާ ކުރިމަތިލާން ޖެހުނެއެވެ. އެއީ މި ބައްޔާ ދެކޮޅަށް ތެދުވާން ފައި ވިއްދާލި ވަގުތު މީހުންގެ ކިބައިން އޭނާއަށް ރައްދުވި "ހިތްދަތި ބަސްތަކެވެ." ކިޑްނީއަށްޓަކައި އާދޭސް ކުރަމުންދިޔަ މި ދަތުރުގައި މީހާގެ ހިތްމަރުވާ ކަހަލަ އެތައް ބަސްތަކެއް އޭނާއަށް ރައްދުވިއެވެ.
ބައެއް މީހުން އަޅުގަނޑާ ދިމާލަށް ބުނެފައި އެބަހުރި ދެން ތީ ރަނގަޅެއް ނުވާނޭ، ކިޑްނީ ލެއްވިޔަސް ރަނގަޅެއް ނުވާނެޔޭ. ކަލޭ ވަރަށް ބޮޑު ނުކުޅެދޭ މީހަކަށޭ ވެގެންދާނީ. ކަލޭއަކަށް ކިޑްނީ ދޭނެ މީހަކު ވެސް ނުވާނޭ. ބައެއް މީހުން ސީދާ ޑިމާންޑްވެސް ކޮށްފައި އެބަހުރި ފައިސާއަށް، ބައެއް މީހުން ބުނި 8 ލައްކަ 7 ލައްކަ ރުފިޔާ ދިނީމަ ކިޑްނީ ވިއްކަފާނަމޭސާއިދު އަހުމަދު
މީހުންގެ މިފަދަ ބަސްތައް ސާއިދުއަށް ރައްދުވި ނަމަވެސް އޭނާއާ ބައްދަލުވާ ކޮންމެ މީހަކަށްމެ ފެންނަނީ އޭނާ އަބަދުވެސް ހިނިތުންވެފައި ހުންނަ ތަނެވެ.
މޫނުމަތިން އަޅުގަނޑު އެ ހިނިތުންވުން އެ ދެއްކިޔަސްވެސް ހަގީގަތުގައި ނެތް އެ ހިނިތުންވުމެއް. މީހުންނާއި ބައްދަލުވާ ކޮންމެ ފަހަރަކު އަޅުގަނޑަށް އެބަ މަޖުބޫރުވޭ އެ ހިނިތުންވުން ދައްކަން. އަޅުގަނޑު ބޭނުންނުވޭ މާޔޫސްވާކަށް. އެ ހިތްވަރު ނެރެ އެ ހިނިތުންވުން ދައްކަން އެންމެ އުނދަގޫވީސާއިދު އަހުމަދު
ކިޑްނީއެއް ހޯދުމަށްޓަކައި ފެށި މި ދަތުރުގައި އަދިވެސް އުންމީދު ކަނޑާނުލާ ދެމިހުންނާނެ ކަމަށް ސާއިދު ބުންޏެވެ. އެންމެ ލޯބިވާ މީހުންގެ ކިބައިންނާއި ކިޑްނީއެއް ހޯދުމަށް އެދި އާދޭސް ކުރި މީހުންގެ ކިބައިން އޭނާއަށް ހިތްދަތިކަން ކުރިމަތިވި ނަމަވެސް އޭނާ އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ކިޑްނީއެއް ލިބި، އެހެންމީހުންނެކޭ އެއްފަދައިން ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް ވޭތު ކުރެވޭނެ ދުވަހެއް ފެނިގެން ދިޔުމެވެ. އުމުރުން 06 އަހަރުގެ އަންހެން ދަރިފުޅަކު ސާއިދުގެ ހުރިއިރު ކޮވިޑާއި ގުޅިގެންނާއި ސާއިދު އަކީ ހައިރިސްކް މީހަކަށްވުމުން އޭނާ ދަރިފުޅާ ބައްދަލުނުވާތާ މިވަނީ އަހަރެއް ވެފައެވެ. ދަރިފުޅަކީ ފުރާނަކަމަށް ސިފަކުރަމުން ސާއިދު ބުނީ އޭނާ އުންމީދު ކުރަނީ ދަރިފުޅަށް ވެސް މި ބައްޔާ ބެހޭ ހުރިހާ މައުލޫމާތު އެނގި، ދަރިފުޅު ގައިގައި ލޯބިން ބައްދާލެވޭނެ ދުވަހެއް ފެނިގެން ދިޔުމެވެ.