ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ބަޔަކު އެ މީހުންގެ ހުނަރުތައް ދައްކަމުންދެއެވެ. ޚާއްސަކޮށް ފާއިތުވި 2020 ވަނަ އަހަރުގެ ލޮކްޑައުނާއި ގުޅިގެން ހުނަރުވެރި ޒުވާނުންގެ ތަފާތު ހުނަރުތައް ފެނިގެންދިޔައެވެ. މިހާރު މި ޕްލެޓްފޯމްތައް ބަލާލުމުން ދިވެހި ޒުވާނުންގެ ހައިރާންކުރަނިވި ހުނަރުތައް ފެނިގެންދެއެވެ. މިގޮތުން ފާހަގަ ކޮށްލެވުނު އެއް ކުރެހުމަކީ ރ. އަލިފުށީގައި ދިރިއުޅެމުން އަންނަ އެ ރަށަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަބްދު ﷲ ނައުފަލްގެ 'ޑޫޑްލިންގ' ސައިކަލަކެވެ. މިއީ އެތައް ބައެއްގެ ސަމާލުކަން ހޯދި މަސައްކަތެކެވެ.
މިއީ ވަރަށްވެސް ތަފާތު އަދި އެހާމެ ބުރަ މަސައްކަތެއްކަން މި ސައިކަލު ބަލާލުމުން ހާމަވެގެން ދެއެވެ. ކަޅުކުލައިން ހުދު ސައިކަލެއްގައި ކުރަހާލާފައިވާއިރު މީހަކު އަތުން ކުރަހާލާފައޭ ހިތަށްވެސް ނާރާނެހާ ފުރިހަމައެވެ. މިކުރެހުމާއި ގުޅޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކުރަމުން ނައުފަލް ބުނީ މިއީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތް ކަމަށެވެ. މިއީ ވަރަށް ފަރުވާތެރިވެގެން ތިން ހަފުތާ ތެރޭގައި ނިންމާލެވުނު މަސައްކަތެއް ކަމަށްވެސް ނައުފަލް ބުންޏެވެ. މި މަސައްކަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ތައުރީފުކޮށް އެ ކުރެހުން ރީތިވެގެން އުޅުނު ކަމަށްވެސް ބުންޏެވެ.
![](https://dyncz33htw1ec.cloudfront.net/posts/cc8bb064-8db2-4283-8976-a23b7c2e0548.png)
ސްކޫލު ދައުރުގައި ކުރެހުމަށް ޝައުގުވެރިވި ނައުފަލް މި ދާއިރާއިން ކުރިއަށް ދިއުމަށް އޭރުވެސް މުދައްރިސުންނާއި ރަހުމަތްތެރިން ހިތްވަރު ދިނެވެ. މިހާރުވެސް އެންމެ ބޮޑު އެއްބާރުލުމެއް ލިބެމުންދަނީ އާއިލާ އަދި ރަހުމަތްތެރިންގެ ފަރާތުންނެވެ. ކުރެހުމުގެ ފަންނުގައި ކުރިއަރަމުން އަންނަ މި ޒުވާނާ ފާހަގަ ކުރި ގޮތުގައި ކުރިއަށް ދާން ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ބޭނުންވާ ބައެއް ތަކެތި ނުލިބުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މިހާތަނަށް އައިއިރު ނައުފަލް ވަނީ ކެފޭ ތަކާއި، އެރަށު ޕްރީސްކޫލާއި ތަފާތު އެކި ގޭގޭގެ ފާރުތައްވެސް ޒީނަތްތެރި ކޮށްދީފައެވެ. މިބާވަތުގެ ކުރެހުމުގެ އިތުރަށް އޭނާއަކީ ޑިޖިޓަލް އާރޓްގެ މަސައްކަތް ވެސް ކުރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. ނައުފަލްގެ ޑިޖިޓަލް އާޓަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން ދާއިރު އެކި މީސްމީހުންގެ އެދުމަށް އޭނާ އަންނަނީ ތަފާތު އެކި ކުރެހުންތައް ތައްޔާރު ކޮށްދެމުންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/e547a5c5-20d0-4258-8636-1a2c3c485e12.png)
ކުރެހުމުގެ ފަންނުގައި ވީހާވެސް ކުރިއަށް ދާން ބޭނުންވާ ނައުފަލްގެ ހުވަފެނަކީ ބޭރު ގައުމެއްގައި އޭނާގެ ކުރެހުން ދައްކާލުމެވެ. އަދި މި ރޮނގުން ކުރިއަށް ގޮސް މީހުން ބަލައިގަންނަ މީހަކަށް ވުމާއެކު އޭނާގެ ކުރެހުންތަކަށް މީހުންގެ ލޯބި ލިބުމެވެ. އަޅުގަޑުމެންގެ އުއްމީދަކީވެސް ހުނަރުން ފުރިގެންވާ މި ޒުވާނާގެ ހުވަފެންތަކުގައި ކުލަޖެހުމެވެ.