އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 27 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ދައްކާގޮތުން މަރޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 2,748.8 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މިމުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ3,738.6 މިލިއަން ރުފިޔާއެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 240.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 448.7 މިލިއަން ރުފިޔާއެވެ. އަދި ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 130.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 52.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 992.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބިފައި ވަނީ 383.5 މިލިއަން ރުފިޔާއެވެ. ގްރީން ޓެކުހުގެ ގޮތުގައި 120.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ޓެކްސްގެ ގޮތުގައި 61.5 މިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ނަންޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 390.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ އާއި ގްރާންޓްސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3,143.7 މިލިއަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް ސަރުކާރުން 3,750.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 2,862.2 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 887.9 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ލޯނު ރިޕޭމެންޓްގެ ގޮތުުގައި މިއަހަރުގެ މިހާތަނަށް 170.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 23 މިލިއަން ރުފިޔާ ވަނީ ޓްރާންސްފަރ ކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 419.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.