ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެ ރަށުގައި އައު އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށްގެންދާނެ ކަމަށް އެރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކުރިޔަށް އޮތްތަނުގައި މިފަދަ ޙާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް، އަދި ދިމާވާ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ޚިދުމަތްފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އާ އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް، ފަސްކުރުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރަށު ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ވޭމަންޑޫގައި ހިނގައިދިޔަ ހާދިސާއަށް ފަހު އަވަހަށް ރައްޔިތުންނަށް އަލުން ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ވަގުތުން ފެށިގެން އެކަމުން އަރައިގަތުމަށް، ފޫހިކަމެއް ވަރުބަލިކަމެއް ނެތި، ހިތްވަރާއި އިޚްލާޞްތެރި ކަމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާ ބައިވެރިވެފައިވާކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.
މީގެ އިތުރަށް މުވައްޒަފުން ކުރި މަސައްކަތުގައި ރަށުގެ އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ ރަށު ރައްޔިތުން ކުންފުންޏާމެދު ބެހެއްޓި ގާތްކަމާއި، މަސައްކަތް ކުރުމަށް ކުންފުނިން ރަށަށްދިޔަ މުވައްޒަފުންނަށް ދިން މެހެމާންދާރީގެ އަގު ވަޒަންކޮށް، އެކަމަށް ޝުކުރުއަދާކޮށްފައިވެއެވެ.
ވަކިން ހާއްސަކޮށް މުޅި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ލަފަޔާ އިރުޝާދުގެ އިތުރަށް ޙާދިސާ ހިނގި ވަގުތުން ފެށިގެންކަންކަން ގާތުން ބައްލަވައި ކުންފުނީގެ ޓީމާއެކު ރަށަށް ދަތުރު ކުރައްވައި، ކުރެވުނު މަސައްކަތްތައް ބައްލަވައިލެއްވުމަށްމިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެން ދެއްވި ދެއްވުމަކީ މަސައްކަތްތައްކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަން ފާހަގަކޮށް ފެނަކައިން ވަނީ އެކަމަށް ވެސް ޝުކުރުއަދާކޮށްފައެވެ.
ތ. ވޭމަންޑޫގެ އިންޖީނުގޭގައި މި މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު އެރަށް ކަރަންޓު ލިބުނީ އޭގެ ގާތްގަނޑަކަށް 36 ގަޑި އިރު ފަހުންނެވެ. އެ ހާދިސާ ހިނގިރޭ ފެނަކައިން ވަނީ ވަގުތުން ބެކަޕް ޖަނަރޭޓަރަކާ އެކު ފެނަކައިގެ ޓީމެއް އެރަށަށް ގޮސް ވަގުތުން ކުރަން ޖެހޭ މަސައްކަތްތައް ފަށާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އަދި ހާދިސާ ހިނގި ވަކި ސަބަބެއް ވެސް ފުލުހުންނަށް ދެނެގަނެވި އެކަން ވެސް އާންމުކޮށްފައެއް ނުވެއެވެ.