އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް ބަލިކޮށް ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން 10 ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު، ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ދެވަނައަށް މެންޗެސްޓާ ޔުނައިޓެޑް އަލުން ޖެހިލައިފިއެވެ.
އާސެނަލުގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 18 މެޗުންވެސް މޮޅުވެފައެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު 13 މެޗުންވެސް ސިޓީ ވަނީ މޮޅުވެފައެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ސިޓީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި ރިޔާދު މާރޭޒް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންނެވެ.
އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ސިޓީގެ ސްޓާލިންނާއި މާރޭޒަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި އާސެނަލުގެ ނިކޮލަސް ޕެޕޭއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އެ ޓީމުގެ އިލްކާއީ ގުންޑޮގާން ފޮނުވާލި ހަމަލާއެއް އާސެނަލުގެ ގޯލްކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ލީޑު ފުޅާކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސިޓީގެ ޔާއޯ ކަންސެލޯއަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނެވެއެވެ.
އާސެނަލް ބަލިކޮށް ސިޓީން އެއްވަނައިގައި ލީޑު ދެމެހެއްޓިއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ނިއުކާސަލް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އަލަން ސެއިން-މެކްސިމިން ވަނީ ލަނޑެއް ޖަހައި ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ޖޭމްސްއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ ރަޝްފޯޑަށް ނިއުކާސަލުގެ ޖޯސެފް ވިލޮކް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 25 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ޔުނައިޓެޑާއި ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 25 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ.