ކޮވިޑްގެ އައު ވޭރިއަންޓާއެކު އިރާނުގައި ކޭސްތައް އިިތުރުވެފައިވާއިރު ކޮވިޑްގެ ހަތަރު ވަނަ ރާޅު އެގައުމަށް އަރާފާނެކަމުގެ އިންޒާރު އިރާނުގެ ހެލްތު މިނިސްޓަރ ދެއްވައިފިއެވެ.
އިރާނަކީ މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އިރާނުގެ ރައީސް ހަސަން ރޫހާނީ, އެގައުމުގެ ސްޓޭޓް ޓީވީން ކުރިޔަށް ގެންދިޔަ ލައިވްއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑްގެ ހަތަރުވަނަ ރާޅު އަންނަކަމުގެ ނުރައްކާތެރި ރަނގަބީލު ޖަހަމުން އަންނަކަމަށް ވިދާޅުވެފައެވެ.
ހުކުރު ދުވަހު އެގައުމުގައި ފެނުނު ކޭސްތަކާއެކު މަދުވެގެން ނުވަ ސިޓީ އާއި ޓައުނެއް ވަނީ ހައިރިސްކް ޒޯންތައް ކަމަށް ކަނޑައަޅާފައެވެ.
ހެލްތު މިނިސްޓަރ ސައީދު ނަމާކީ ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދިޔަ ބައްދަލުވުން ސްޓޭޓް ޓީވީން ވަގުތުން ދައްކަމުންދިޔައިރު އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ އުނދަގޫ ދުވަސްތައް އަދި ކުރިޔަށް އޮތީ ކަމަށެވެ. އެދުވަސްތައް ފެށެން އޮތީކަމަށާއި އެކަމަށް އެންމެންވެސް ތައްޔާރުވާންޖެހޭކަމަށް ވިދާޅުވިއެވެ.
ނަމާކީ ވިދާޅުވީ މިހަފްތާތެރޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރޭގައި އައު ވޭރިއަންޓް ޖެހިފައިވާ މީހަކު ހިމެނޭކަމަށެވެ. އަދި އެވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނަމާކީ ވަނީ އިރާނުގެ ރައްޔިތުންނަށް ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކައިވެނި ޕާޓީތަކާއި ޖަނާޒާތައް ގިނަ މީހުން އެއްވެގެން ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަނެއްކޮޅުން އިރާނުގައި ވަނީ މިދިޔަ އަންގާރަ ދުވަހު ވެކްސިން ދޭން ފަށާފައެވެ. ވެކްސިން ދޭން ފަށާފައިވަނީ ވައިރަސްގެ ހާލަތު ގޯސް އެއްވެސް ސިޓީއެއް ނެތްކަމަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރިތާ ދެ ހަފްތާފަހުންނެވެ.
ވެކްސިން ދޭން ފަށާފައިވަނީ ހޮސްޕިޓަލްތަކާއި އައިސީޔޫތަކުގައި މަސައްކަތްކުރާ މީހުންނަށެވެ. އާންމުންގެ ގަޔަށް ޖަހަން ބޭނުންވާވަރަށް އަދި ވެކްސިން ނުލިބޭކަމަށް އިރާނުގެ އޮފިޝަލުން ބުނެއެވެ.
ހުކުރު ދުވަހު އިރާނަށް ވަނީ ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިންގެ އެއް ލައްކަ ޑޯޒް ލިބިފައެވެ. އިރާނުން ވަނީ ސްޕަޓްނިކްވީ ވެކްސިންގެ 2 މިލިއަން ޑޯޒް އެގައުމަށް ހޯދުމަށް އޯޑަރުކޮށްފައެވެ. މީގެއިތުރުން އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިންގެ ހަތަރު މިލިއަން ޑޯޒް ހޯދުމަށްވެސް ވަނީ އޯޑަރުކޮށްފައެވެ.
އިރާނުން ޕްލޭންކޮށްފައިވަނީ މަރޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް އަންނައިރު އެގައުމުގެ 1.3 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.
އިރާނުން ވަނީ ކޮވިޑް-19 ގެ 1.5 މިލިއަން ކޭސް ފެނިފައެވެ. އަދި 58،883 މީހުން ވަނީ މަރުވެފައެވެ.