އިންޑިއާގެ ޝިމްލާގައި ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހިތާ ދިހަ ދުވަސް ފަހުން ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޝިމްލާގައި ހުންނަ އިންދިރާ ގާނދީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް (އައިޖީއެމްސީ)ގައި މަސައްކަތް ކުރާ ތިން ޑޮކްޓަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 10 ދުވަސް ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފައިވެއެވެ.
އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދިހަ ދުވަސް ފަހުން ކޮވިޑް-19ގެ އަލާމާތައް އެ ތިން ޑޮކްޓަރުންގެ ފަރާތުން ފެނިފައިވެއެވެ.
މިކަމާއި ގުޅިގެން އައިޖީއެމްސީގެ ޕްރިންސިޕަލް ރަޖްނިޝް ޕަތާނިއާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ޑޮކްޓަރުން މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. ރަޖްނިޝް އިތުރަށް ވިދާޅުވީ ވެކްސިން ޖެހުމުގެ ކުރިންވެސް ބައްޔަށް ޑޮކްޓަރުން ޕޮޒިޓިވްވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެ ޑޮކްޓަރުންނާ ކޮންޓެކްޓްވި މީހުން ބަލަމުން ދާ ކަމަށް ވިދާޅުވެ ރަޖްނިޝް ވިދާޅުވީ އަދި ކޮންޓެކްޓްވި ބަލި މީހުންގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.
ކޮވިޑް-19 ދެ ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިއާގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާސިލްވުމުގައި ލަސްތަކެއް ކުރިމަތި ވެފައިވާއިރު އިންޑިއާ އިން ޓާގެޓްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަސް އަންނަންވާއިރަށް އެގައުމުގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އެއީ އެގައުމުގެ އާބާދީގެ ފަސްކުޅަ އެއްބައެވެ