ކޮވިޑް-19 ދެ ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިއާގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާސިލްވުމުގައި ލަސްތަކެއް ކުރިމަތިވެއްޖެއެވެ.
އިންޑިއާ އަކީ އެންމެ ގިނަ އަދަދެއްގެ ގައުމުތަކަށް މިހާތަނަށް އައިއިރު އެގައުމުން ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިންތައް ހަދިޔާކުރި ގައުމެވެ. އެހެންނަމަވެސް އިންޑިޔާގެ އެތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.
އިންޑިއާ އިން ޓާގެޓްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަސް އަންނަންވާއިރަށް އެގައުމުގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އެއީ އެގައުމުގެ އާބާދީގެ ފަސްކުޅަ އެއްބައެވެ.
އެހެންނަމަވެސް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިތާ ހަތަރު ހަފްތާވީއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެކްސިން ޖެހިފައިވަނީ 7.5 މިލިއަން މީހުންނަށެވެ. މިސްޕީޑްގައި ވެކްސިން ޖަހަމުންދާނަމަ އެގައުމުން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް އަހަރުތަކެއް ނަގާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކްރިސްޓިއަން މެޑިކަލް ކޮލެޖްގެ ޕްރޮފެސަރ ގަގަންދީޕް ކަންގ ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާއިރު އަބަދުވެސް ލަސްތަކެއް އުޅޭކަމަށެވެ. ނަމަވެސް ލޮޖިސްޓިކް އާއި ދެން ހުރި މައްސަލަތައް ހައްލުވުމާއެކު ވެކްސިން ދިނުމުގެ ކަންކަން އަވަސްވެގެންދާނެ ކަމަށެވެ.
ސަރުކާރުން އެކަށައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް މިހާރު ދުވާލަކު ވެކްސިން ޖަހަމުންދާ މީހުންނަށްވުރެ ހަތަރު ގުނަ ނުވަތަ ފަސް ގުނަ އިތުރަށް ވެކްސިން ޖަހަންޖެހޭނެކަމަށް ޕްރޮފެސަރ ގަގަން ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ އަންނަ މަހުން ފެށިގެން ވެކްސިން ދިނުމުގެ އިތުރު ސެޓްއަޕް ތައް ރާވާފައިވާ ކަމަށެވެ. އަދި މިއާއެކު ގިނަ ޕްރައިވެޓް ހޮސްޕިޓަލްތަކަކުން ވެކްސިން ދޭން ފަށާނެކަމަށާއި އެއާއެކު އާންމުންނަށްވެސް ވެކްސިން ދޭން ފަށާނެކަމަށް އިންޑިޔާ ސަރުކާރުން ބުނެއެވެ. އިންޑިއާ ސަރުކާރުން ރޮއިޓަރސް އަށް މައުލޫމާތުދެމުން ބުނެފައިވަނީ ދުވާލަކު 10 މިލިއަން މީހުންނަށް ވެކްސިން ދިނުމުގެ ގާބިލްކަން އެގައުމުގައި އެބަހުރިކަމަށެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް އައިއިރު ވެކްސިން ޖަހަން ފަށާފައިވާ ގައުމުތަކުގެ ތެރެއިން އިންޑިޔާއަކީ އެންމެ އަވަހަށް ހަތް މިލިއަން މީހުންނަށް ވެކްސިން ދިން ގައުމުކަމަށެވެ.
އިންޑިއާގެ ބޮޑެތި ސްޓޭޓްތައްކަމަށްވާ ތަމަލް ނާޑޫ އަދި ޕުންޖާބުގައި ހައިރިސްކު ކެޓަގަރީގައި ތިބި މީހުންގެ ތެރެއިން ވެކްސިން ދިން މީހުންގެ އަދަދު 40 އިންސައްތައަށްވެސް ނާރާއެވެ. މިއާއެކު މައި ސަރުކާރުން ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނިއުދިއްލީން ވަނީ ސްޓޭޓްތަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިކުރުމަށް އަންގާފައެވެ. އެހެންނަމަވެސް މައި ސަރުކާރުން ދެކޭގޮތުގައި މާގިނަ ޕްރައިވެޓް ކޮމްޕެނީތައް ވެކްސިން ދިނުމުގެ ކަންކަމުގައި ޝާމިލްކުރާނަމަ އޮޅުންތައް އަރާނެއެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމަކީ ވަރަށް ރޭވުންތެރިކަމާއެކު ކުރިޔަށް ގެންދަންޖެހޭ ކަމެއްކަމަށް ސަރުކާރުން ބުނެއެވެ. އެކަމުގައި މީހުންގެ މައުލޫމާތުތައް ބެލެހެއްޓުމާއި ގާތުން އެކަންކަން ބަލަންޖެހޭކަމަށް ސަރުކާރުން ބުނެއެވެ.
ދުނިޔޭގައި އުފައްދާ ވެކްސިންތަކުގެ ތެރެއިން 60 އިންސައްތަ ވެކްސިން އުފައްދަމުން އަންނަ އިންޑިއާއިން ވަނީ ކޮވިޑް-19 ވެކްސިން މިހާތަނަށް އައިއިރު 17 ގައުމަކަށް ހަދިޔާކޮށްފައި ނުވަތަ ވިއްކާފައެވެ. މިދިޔަ ހަފްތާތެރޭ އިންޑިއާ ސަރުކާރުން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ބުނެފައިވަނީ ވެކްސިން އުފައްދަމުން އަންނަ ފަރާތްތަކާއެކު އިންޑިޔާއަށް ބޭނުންވާވަރަށް ވެކްސިން ހުރިތޯ ޔަގީންކުރުމަށް އެކަމުގެ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.
ވެކްސިން ރައްކާކޮށްފައި ބަހައްޓާ ކޯލްޑް ސްޓޯރޭޖް އާއި ވެކްސިން އުފުލާ ވެހިކަލްތަކަކީ އެގައުމަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.