ހިންނަވަރަކީ އަބަދު ވެސް ރީނދުލުގެ ރަށެކެވެ. އެމްޑީޕީން އުފެދުނީއްސުރެ ވެސް އެ ޕާޓީގެ ބޮޑު ސަޕޯޓެއް އޮންނަ ރަށެކެވެ. ހާއްސަކޮށް އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީ އަށް ވަފާތެރި ބޭފުޅަކަށްވުމުން ރައްޔިތުން ވެސް ތިބެނީ އެއްގޮތެއްގައެވެ. މި ފަހަކުން ނުފެންނަ ވަރަށް ހިތްގައިމު މައްޒަރެއް ހިންނަވަރުގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ދައްކާލާފައެވެ.
ނިމިދިޔަ ހަފްތާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމެއް ނ. އަތޮޅަށާއި ޅ. ހިންނަވަރަށް ކުރި މިދަތުރުގައި ހިންނަވަރަށް އެމްޑީޕީގެ ލީޑަރ ޝިޕްގެ ބޭފުޅުން ވަޑައިގެންނެވުމުން ކިޔާފައިވާ މަރުހަބާއަކީ މިފަހަކުން ފެނުނު އެންމެ ހިތްގައިމު މައްޒަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ނ. އަތޮޅަށް ކުރި މިދަތުރުގައި ނ. މަނަދޫއިން ޅ. ހިންނަވަރަށް ވަޑައިގެންނެވި ބޭފުޅުންގެ އިސްބޭފުޅުންނަށް ތިއްބެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ރޮޒައިނާ އާދަމާއި ހިންނަވަރަށް ނިސްބަތްވާ އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނެވެ. ހިންނަވަރަށް ވަޑައިގެންނެވި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން މަރުހަބާ ދެއްނެވީ އެމްޑީޕީގެ ލީޑަރޝިޕްގައި އެންމެ އިސްކޮށް އުޅުއްވާ އަދި ހިންނަވަރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
ހިންނަވަރުގެ އިބޫގެ ޓީމުން ވެފައިވާ ތައްޔާރީތަކާއި ކިޔާފައިވާ މަރުހަބާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ މަރުހަބާ ކަމަށް އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރޝިޕްގެ ބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ހިންނަވަރު ބަނދަރަށް ލޯންޗު ކައިރި ކުރުމާއެކު ވަޑައިގެންނެވި މެހެމާނުންނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ އިބޫ އެވެ. މާބޮނޑިތަކުން އެމްޑީޕީގެ މެހެމާނުންނަށް މަރުހަބާ ކިޔުމުގައި ހިންނަވަރުގައި އުޅޭ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ސަފަކަށް އެތުރި ގާތްގަނޑަކަށް 500 އެއެއްހާ ފޫޓު ދުރުގައި ހުންނަ އެމްޑީޕީގެ ޖަގަހައާ ހަމައަށް ސަފު އަތުރާލާފަ އެވެ.
ހިންނަވަރަށް ވަޑައިގެންނެވި ޓީމު އެމްޑީޕީގެ ޖަގަހައާ ހަމައަށް ދިޔައީ ބޮޑު ބެރު ގްރޫޕެއްގެ ބޮޑުބެރާއެކު ސަގާފީ ހަރަކާތްތަކާއެކުގަ އެވެ.
ޖަގަހައާ އަރާ ހަމަވުމާއެކު އެތަނުގައި މަޑުކޮށް، ބޮޑުބެރު ގްރޫޕްގެ އިތުރު ހަރަކާތްތަކާ އެކު މުޅި ސަރަހައްދު ވަނީ ރައްޔިތުން ފުރި ބާރުވެފަ އެވެ.
ރައްޔިތުންގެ އުފާފާޅުކުރުމުގެ މިހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އެމްޑީޕީގެ ހަރުގެއަށް އެމްޑީޕީގެ ލީޑަރޝީޕްގެ ބޭފުޅުންނަށް ވަޑައިގެންނެވުމާއިއެކު ބޭއްވުމަށް ނިންމާފައިވާ ހިތާމައިގެ ސުކޫތެވެ. މި ހިތާމައިގެ އެއް މިނެޓްގެ މިސުކޫތަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާތީ ގެނެސްފައިވާ ސުކޫތެކެވެ. މި ސްކޫތާއެކު ރަތް ކުލައިގެ ފުއްޕާހަތަކެއް ވަނީ ޖައްވަށް ފޮނުވާލައިފަ އެވެ.
މަޤްރިބް ނަމާދުގެ ވަގުތާ ހަމައަށް ބޮޑުބެރުގެ ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ފަހު، އެ ރޭ ބޭއްވުމަށް ނިންމާފައިވާ ހާއްސަ ޖަލްސާއަށް ތައްޔާރު ވުމުގެ ކަންކަން ފެށުނެވެ.
ޖަލްސާގެ ކަންކަން ރާވާފައިވަނީ ވެސް ވަރަށް ފުރިހަމައަށެވެ. ސައުންޑާއި ލައިޓީންގް ކަންކަން ހަމަޖައްސާފައި ވަނީ ވެސް އެކަށް ކުރާ ހާއްސަ ފަރާތްތަކާއި ހަވާލުކޮށްގެންނެވެ. ޖަލްސާ ވެސް ދިޔައީ ވަރަށް ފުރިހަމަކޮށެވެ. އިންތިޒާމުތައް ވަރަށް ރަނގަޅެވެ.
ކޮންމެއަކަށް އިންތިޚާބަށް ތައްޔާރުވުމުގެ ގޮިތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްޑީޕީގެ ޓީމުތަކުން ކުރަމުންދާ ދަތުރުގައި ހިންނަވަރަކީ ތަފާތު މަންޒަރެއް ފެނިގެން ދިޔަ ރަށެކެވެ. ދެން އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ މަންޒަރު ފެނިގެންދިޔުމުނެވެ.