ބަންގަލަދޭޝް ގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށައިފިއެވެ.
އާދިއްތަ ދުވަހު ބަންގްލަދޭޝްގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، އެގައުމުގެ އަމާޒަކީ ފުރަތަމަ މަހުގެ ތެރޭގައި އާބާދީގެ 3.5 މިލިއަން މީހުންނަށް ވެކްސިން ޖެހުމެވެ. އެންމެ ފުރަތަމަ ބަންގްލަދޭޝްގެ ސަރުކާރުން އަމާޒުހިފާފައި ވަނީ ފުރަތަމަ މަހުގެ ތެރޭގައި ހަ މިލިއަން މީހުނަށް ވެކްސިން ދިނުމަށެވެ. އެހެން ނަމަވެސް އެ އަދަދު ކުޑަކޮށްފައި ވަނީ ހޮނިހިރު ދުވަހާއި ހަމައަށް ވެކްސިން ޖެހުމަށް ރެޖިސްޓަރ ކޮށްފައި ވަނީ 328،000 އެއްހާ މީހުން ކަމުންނެވެ.
ބަންގްލަދޭޝުން ވެކްސިން ޖަހަން ފަށާފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޝީލްޑު ވެކްސިނުންނެވެ. ބަންގްލަދޭޝުން ކޮވިޝީލްޑްގެ 30 މިލިއަން ޑޯޒަށް އޯޑަރުކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޯޒް ވަނީ އެގައުމަށް ލިބިފައެވެ. އަދި އިންޑިއާއިން ވަނީ އެގައުމަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު ދެ މިލިއަން ޑޯޒް ހަދިޔާކޮށްފައެވެ.
ބަންގްލަދޭޝްގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުގެ އަމާޒުގައި އެގައުމުން ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، އެގައުމުގައި ކޮންމެ މީހަކަށް ވެކްސިންގެ ދެ ޑޯޒް ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު ހަފްތާގެ ދުރުމިނުގައެވެ.
ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ، ޒާހިދު މަލީގް ކޮވިޝީލްޑް ވެކްސިން ޖަހާފައިވާއިރު، މިނިސްޓަރ ވަނީ ކޮވިޝީލްޑް ވެކްސިނަކީ އެންމެ ރަނގަޅު ވެކްސިން ކަމަށް ބުނެފައެވެ.
އެގައުމުގައި ވެކްސިނޭޝަން ޕްރޮގްރާމް ލޯންޗުކުރުމުގެ ކުރިން ފްރަންޓްލައިންގައި މަސައްކަތްކުރާ 567 ހެލްތު ވޯކަރުން ވެކްސިން ޖަހާފައިވާ ކަމަށާއި އެއިން އެއްވެސް ފަރާތަކަށް އުނދަގޫތަކާއި ކުރިމަތި ނުވާކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި ވެކްސިނާއި ގުޅުވައިގެން ދެކެވޭ ސާބިތުނުވާ ވާހަކަތަކަށް ސަމާލުކަން ނުދީ ވެކްސިން ޖެހުމަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.
ގަވި ވެކްސިނޭޝަން އެލަޔަންސްގެ ދަށުން ބަންގްލަދޭޝް ކޮވިޑް-19 ވެކްސިންގެ 68 މިލިއަން ޑޯޒް ލިބޭނެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.