ޗައިނާގެ ސިނޮވެކް ބައޯޓެކްއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ފުރަތަމަ ނަތީޖާ ތަކާއި ފަހުން އާންމުކުރި ނަތީޖާތަކުގައި ބޮޑު ތަފާތެއް ހުރިކަން ހާމަވެއްޖެއެވެ.
ސިނޮވެކްއިން ބްރެޒިލްގައި ކުރިއަށް ގެންދިޔަ ވެކްސިން ޓްރަޔަލްތަކަށް ފަހު ސިނޮވެކްގެ ކޮވިޑް-19 ވެކްސިނަކީ ކޮވިޑް-19އަށް 78 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށް ހާމަކޮށްފައިވާއިރު، ފަހުން ހާމަކުރި ނަތީޖާތަކުން ދައްކާގޮތުން މިވެކްސިނަކީ 50.38 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.
މިކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ވެކްސިންގެ ރައްކާތެރިކަމާއިމެދު ޝައްކު އުފައްދަމުންނެވެ. އަދި ހާމަކޮށްފައިވާ އަދަދު ތަކަކީ ރަނގަޅު އަދަދުތަކެއްތޯ ދަނީ ސުވާލު އުފައްދަމުންނެވެ.
ކަމާގުޅޭ އެނަލިސްޓުން ވަނީ ސިނޮވެކްގެ ކޮވިޑް-19 ވެކްސިނަކީ ޗައިނާއިން އުފައްދާ ކޮވިޑް ވެކްސިންތަކުގެ ތެރެއިން ރައްކާތެރިކަން އެންމެ ކުޑަ ވެކްސިންކަން ފާހަގަކޮށްފައެވެ. އަދި ޓްރަޔަލްތަކުގެ ނަތީޖާގައި ޝައްކުކުރެވޭ ކަންތައްތައް ހުރިނަމަ، އޭގެ ސަބަބުން ޗައިނާގެ އެހެން ވެކްސިންތަކަށް ގައުމުތަކުން ކުރާ އިތުބާރު ގެއްލުން އެކަށީގެންވާ ކަމަށެވެ.
ސައޯ ޕޯލޯގެ ސަރުކާރާއި ބުޓަންޓަން އިންސްޓިޓިއުޓުން ވަނީ ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޓްރަޔަލްގެ ނަތީޖާތައް ދައްކާގޮތުން ވެކްސިންގެ އޮވަރޯލް އަސަރުކުރާވަރު ކާމިޔާބުކަމަށް ދައްކާފައި ވަނީ 50 އިންސައްތަކަމަށް ބުނެފައެވެ. އަދި މައިލްޑް ކޭސްތަކުގައި ވެކްސިންގެ އަސަރު ކުރާނީ 78 އިންސައްތަކަމަށާއި މޮޑަރޭޓް ކޭސްތަކުގައި ވެކްސިނުން 100 އިންސައްތަ އަސަރުކުރާނެ ކަމަށް ވަނީ ބުނެފައެވެ.