ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެފްރިކާއަށް ދިނުމަށް ނިންމާފައިވާ ކޮވިޑް-19 ވެކްސިންގެ 90 މިލިއަނެއްހާ ޑޯޒް ފެބްރުއަރީ މަހު ފޮނުވާލުމަށް ނިންމާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގައި އުފައްދާފައިވާ ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިނުގެ 3،20,000 ޑޯޒް އެފްރިކާގެ ހަތަރު ގައުމަކަށް ދީފައިވާއިރު ޑަބްލިއުއެޗްއޯއިން ދަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެފްރިކާގެ ޖުމްލަ 40 ގައުމަކަށް ކޮވިޑްގެ ދެވަނަ ރާޅު ފެނިފައިވާކަމަށް އެފްރިކާ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ން ހާމަކުރެއެވެ.
ސީ.ޑީ.ސީ.ން ބުނީ މި އައު ރާޅު ބައެއް ގައުމުތަކަށް އައުމުގެ ސަބަބަކީ އަލަށް ފެނިފައިވާ ވޭރިއަންޓު ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ވޭރިއަންޓާ މެދު ކުރެވިފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި ވޭރިއަންޓުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އަވަސް ކަމަށް ޑަބްލިއުއެޗްއޯއިން ހާމަ ކޮށްފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
ނަމަވެސް އަދި މި ވޭރިއަންޓަކީ ބަލީގެ އިތުރަށް ނުރައްކާތެރި ވައްތަރެއްކަން ހާމަވެފައި ނެތް ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.
ދެވަނަ ރާޅަށްފަހު ގިނަ ގައުމު ތަކުގައި އަނެއްކާވެސް ބަލީގެ ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރުން ދަށަށް ދާން ފަށާފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.