ކަޝްމީރުގެ އިންޑިއާވީ ފަޅީގައި ސްނޯގެ ތެރޭ ކްރިކެޓް މުބާރާތެއް ބާއްވައި ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކަޝްމީރުގެ ސަރުކާރުން ކްރިކެޓް މުބާރާތެއް ބާއްވައިފައިވަނީ ކަޝްމީރަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް މުޅިން އައު ތަޖުރިބާއެއް ކޮށްލުމުގެ ބޭނުމުގައިއާއި ކަޝްމީރުގައި ދިރިއުޅޭ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައެވެ.
ކަޝްމީރު ސަރުކާރުގެ އޮފިޝަލަކު ބުނީ މިއީ ކަޝްމީރުގައި ދިރިއުޅޭ ޒުވާނުންނަށް ފިނި މޫސުމާއިއެކުވެސް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައި ބޭއްވި މުބާރާތެއް ކަމަށާއި، އަދި މި މުބާރާތުގެ ސަބަބުން ކަޝްމީރުގެ ފަތުރުވެރިންނަށްވެސް އައު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވި ކުޅުންތެރިން ބުނީ މިއީ އައު ތަޖުރިބާއެއް ކަމަށާއި، ފިނި މޫސުން ނަމަވެސް ކުޅިވަރާއިއެކު ހޫނުކަން އިހުސާސް ކުރެވޭ ކަމަށެވެ. އަދި ފިނި މޫސުމުގައި ކުޅިވަރު ކުޅުން މިއީ މަޖާ ހުސްވަގުތު ހޭދަކުރުމަށް ކުރަން އެންމެ ރަނގަޅު އެއްކަންތައް ކަމަށް ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އިންޑިއާއިން ވަނީ ތަފާތު އެކި ހަފްލާތަކާއި މޫސުންތަކާއި ދިމާކޮށް މިފަދަ ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. އަދި ކްރިކެޓަކީ އެގައުމުގެ އެއް ނަމްބަރު ކުޅިވަރަށް ވުމާއިއެކު އެގައުމުން އަންނަނީ ކްރިކެޓް ކުރިއަރުވާ އިތުރު ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.