ޗައިނާއިން ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ސިނޯފަރމް ހިމެނޭ ގޮތަށް ދެ ވެކްސިނެއް ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓަށް މަސައްކަތްކުރާ ކަމަށާއި އެހެންނަމަވެސް އަސަރުކުރާ މިންވަރު ދަށް ކަމަށް އެކަމާގުޅިގެން ކުރިޔަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު ކޮވިޑްގެ އައު ވޭރިއަންޓްތަކާއެކު ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އަނެއްކޮޅުން ކޮވިޑްގެ އެކި ވެކްސިންތައް ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ޖަހަމުން އަންނައިރު އެ ވެކްސިންތަކުން އައު ވޭރިއަންޓްތަކަށް މަސައްކަތްކުރާ މިންވަރު އަންނަނީ ބަލަމުންނެވެ.
އައު ވޭރިއަންޓްތަކަށް މިހާރު އުފައްދާފައިވާ ވެކްސިންތައް މަސައްކަތްކުރާ މިންވަރު ދަށްވެދާނެ ކަމުގެ ކަންބޮޑުވުން ސިއްޙީ މާހިރުން ވަނީ ފާޅުކޮށްފައެވެ.
ޗައިނާއިން ކޮވިޑަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ދެ ވެކްސިނަކަށް އައު ވޭރިއަންޓް މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގައި ކޮންމެ ވެކްސިނަކަށް 12 ސާމްޕަލެއް ވަނީ ބޭނުންކޮށްފައެވެ. އަންގާރަ ދުވަހު މި ދިރާސާގެ ނަތީޖާ ހާމަކޮށްފައިވާއިރު ނަތީޖާ ދައްކާގޮތުން މި ދެ ވެކްސިން ވެސް ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރެއެވެ. އެހެންނަމަވެސް ވައިރަސްގެ އަސްލާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރަށް ދެކުނު އެފްރިކާ ވޭރިއަންޓާ ދެކޮޅަށް ވެކްސިނުން އަސަރެއްނުކުރެއެވެ.
މިދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ސިނޯފަރމްއާ ގުޅިގެން ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް އާއި އިންސްޓިޓިއުޓް އޮފް ޗައިނީޒް އެކަޑަމީ އޮފް ސައިންސް އިންނެވެ.
ސިނޯފަރމްގެ ވެކްސިން ޗައިނާގައި ބޭނުންކުރަމުން އަންނައިރު އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ އެ ވެކްސިން ޖަހަމުންނެވެ. ސިނޯފަރމްގެ ވެކްސިން ޖަހަމުން އަންނަ އެއް ގައުމަކީ ޔޫ.އޭ.އީ.އެވެ.
ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓަށް ނޮވޭވެކްސް އާއި ޖޯންސަން އެންޑް ޖޯންސަން އަދި ފައިޒަރގެ ވެކްސިން ވެސް އަސަރުކުރާ މިންވަރު ދަށްކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ވަނީ ދައްކާފައެވެ.