ޗައިނާ އަށް ކޮވިޑް-19ގެ ސަރޖެއް އައިސްފައިވާއިރު މަސް ދުވަސް ފަހުން ފުރަތަމަ ފަހަރަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ދަށަށްގޮސްފައިވާ ކަމަށް އެގައުމުގެ އޮފިޝަލް ޑާޓާއިން ހާމަވެއްޖެއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު އަންގާރަ ދުވަހު އެގައުމުގައި ވައިރަސް ޖެހިފައިވަނީ 25 މީހުންނަށެވެ. އޭގެކުރީ ދުވަހު ޖެހިފައިވަނީ 55 މީހުންނަށެވެ.
އަންގާރަ ދުވަހަކީ މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރިކޯޑްކޮށްފައިވާ 24 ކޭސްގެ ފަހުން މިހާ ދަށުން ކޭސްތައް ރިޕޯޓްކުރެވުނު ފުރަތަމަ ދުވަހެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ އަންގާރަ ދުވަހު ފެނުނު ކޭސްތަކުގެ ތެރެއިން 15 ކޭhaކީ ޗައިނާގެ ތެރެއިން ފެނުނު ކޭސްތަކެއް ކަމުގައެވެ. މީގެއިތުރުން އިރުއުތުރު ޖިލިން ޕްރޮވިންސުން ރިޕޯޓްކޮށްފައިވާ 8 ކޭހަކާއި އެޕްރޮވިންސާއި ޖެހިގެން އޮންނަ ހެއިލޮންގޖިއަންގ އިން ރިޕޯޓްކޮށްފައިވާ 6 ކޭހެކެވެ. އަދި މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ހޭބެއި ޕްރޮވިންސުން އަންގާރަ ދުވަހު އެކަކަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސް ހިސާބުތަކުގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ލޮކްޑައުން ކުރުމާއި އެތައް މިލިއަން ބަޔަކު ވައިރަސް އަށް ޓެސްޓް ކުރުމާއި ދަތުރުފަތުރުކުރުން މަނާކުރުން ހިމެނެއެވެ.
ކުރިޔަށް އޮތް ޗައިނާގެ އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާނެ ކަމަށް ބެލެވޭތީ ޗައިނާގެ ކަމާބެހޭ އޮފިޝަލުން ވަނީ މީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނެތި ވައިރަހަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަ ކޭސްތަކުގެ އަދަދުވެސް ވަނީ އަންގާރަ ދުވަހު ދަށަށްގޮސްފައެވެ. އެގޮތުން އަންގާރަ ދުވަހު 12 މީހަކަށް އެގޮތަށް ވައިރަސް ޖެހިގެން ރިޕޯޓްކުރިއިރު ހޯމަ ދުވަހު ހަށިގަނޑުގައި އަލާމާތެއް ހުރިކަން ނޭގި ވައިރަހަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 15 މީހުންނެވެ.
ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 89،619ށް އަރާފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4636ށް އަރާފައެވެ.