ކޮވިޑް-19 ވައިރަސްގެ އަސްލު ދެނެގަތުމަށްޓަކައި ޗައިނާއަށް ދިޔަ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ޓީމުގައި ހިމެނޭ ސައިންސް ވެރިން އެގައުމުގެ ސައިންސްވެރިންނާ ބައްދަލުކުރަން ނިންމައިފިއެވެ.
ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާގެ ސައިންސްވެރިންނާ ބައްދަލުކޮށް އެކުގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ތަހުގީގުގެ ތެރެއިން ލެބޯޓަރީތަކަށާއި، މާރުކޭޓް އަދި ވުހާންގެ ހޮސްޕިޓަލްތަކަށް ދިއުމަށް ވަނީ ނިންމާފައެވެ. ވުހާނަކީ އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނުނު ސަރަހައްދެވެ.
ޑަބްލިއު.އެޗް.އޯ.ގެ ޓީމް ޗައިނާއަށް ގޮސްފައިވާ އިރު، އެ ޓީމްގައި ހިމެނޭ މެންބަރުންގެ 2 ހަފްތާގެ ކަރަންޓީން މުއްދަތު ހަމަވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި އެ ޓީމުން ކުރަން ނިންމާފައިވާ ތަހުގީގުތައް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ. ޑަބްލިއު.އެޗް.އޯ.ގެ ސައިންސްވެރިންގެ ޓީމުން ފުރަތަމަ ތަހުގީގު ހިންގަން ނިންމާފައިވަނީ ޗައިނާގެ ސެންޓްރަލް ސިޓީގެ ލޭކް ސައިޑް ހޮޓެލްގައެވެ. މިއީ ވައިރަސް ފެނުނު ސަރަހައްދެވެ.
ޑަބްލިއު.އެޗް.އޯ.ގެ ޓީމުން ކުރިއަށް އޮތް 2 ހަފްތާ ވަންދެން ޗައިނާގައި މަސައްކަތް ކުރާނެއެވެ. އަދި ވައިރަސް ފެތުރުނު މަސް މާރުކޭޓަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވުހާންގައި ހުންނަ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ދިއުމަށް ނިންމާފައިވެއެވެ. ވައިރަސް ފެތުރުނު ގޮތް މިހާތަނަށް ހޯދިފައި ނުވާ އިރު، ޗައިނާގެ ސަރުކާރުގެ ލެބޯޓަރީއަކުން ލީކެއް ވެގެން ވައިރަސް ފެތުރުނުކަމަށް ދެކެވޭ ވާހަކަތައް އެގައުމުން ދޮގު ކުރެއެވެ.
ޑަބްލިއު.އެޗް.އޯ.ގެ ޓީމްގެ ތަހުގީގަށް ޗައިނާއަށް މިހާރު އެތެރެވެވިފައި ވީނަމަވެސް، ކުރިން އެތަކެއް މަސްތަކެއް ވަންދެން ޗައިނާއަށް އެތެރެވުމުގެ ހުއްދަ ނުލިބި ޓީމް މަޑުކުރަން ޖެހުނެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތަށް ބޮޑު ލަސްކަމެއް ދިމާވެފައިވާ ކަމަށް ޑަބްލިއު.އެޗް.އޯ.އިން ވަނީ ބުނެފައެވެ.