އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމާ ގުޅޭ އާރޓިކަލް ހައުސްއިން ރަސްމީކޮށް ސެނެޓަށް ހުށަހަޅައިފިއެވެ.
ހައުސްއިން އިމްޕީޗްމަންޓް އާރޓިކަލް ސެނެޓަށް ހުށަހަޅާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން މި އާރޓިކަލް ސެނެޓަށް ހުށަހަޅުއްވައިދެއްވީ ލީޑް އިމްޕީޗްމަންޓް މެނޭޖަރ ޖޭމީ ރަސްކިން އެވެ.
އިމްޕީޗްމެންޓް އަރޓިކަލް ހުށަހަޅާފައިވާއިރު އޭގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ޓްރަމްޕް ޤާނޫނާއި ގަވާއިދާ ޚިލާފަށް ބާރުތަކުގެ ބޭނުންހިއްޕަވައި ސަރުކާރާއި ސަރުކާރުގެ އިދާރާއަކާ ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރައްވާފައިވުމެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާ ކުރިމަތިވެ ވަޑައިގެންނެވުމުން އެކަން ގަބޫލުނުކުރައްވާ އިންތިޚާބު އޮޅުވައިލާފައިވާކަމަށް ވިދާޅުވެ ވާހަކަދައްކަވާ ސަޕޯޓަރުންނަށް ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީފައިވާ ކަމަށް ވަނީ އިމްޕީޗްމަންޓް އަރޓިކަލް ގައި ބުނެފައެވެ.
އަދި ޖޯރޖިއާގެ ރިޕަބްލިކަން ސެކެޓްރީ އޮފް ސޭޓްޓަށް ގުޅުއްވާ އެ ސްޓޭޓުން ޓްރަމްޕަށް ކާމިޔާބު ހޯއްދެވުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯއްދެވުމަށް އެދިވަޑައިގަންނަވާފައިވާތީ އެކަންވެސް ވަނީ ބަޔާންކޮށްފައެވެ.
"މިހުރިހާ ކަންތައްތަކަކާއެކު ޓްރަމްޕް ވެފައިމިވަނީ އެމެރިކާގެ ސަލާމަތަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ނުރައްކާތެރި މީހަކަށް" އަރޓިކަލްގައި އިތުރަށް ބުނެފައިވެއެވެ.
ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް ޑިމޮކްރަޓުން ކުރަމުންދާއިރު ހައުސްގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަނުން އަންނަނީ ޓްރަމްޕް އިމްޕީޗް ނުކުރުމަށް ބާރު އަޅަމުންނެވެ. އެއީ އެކަމުގެ ސަބަބުން މީހުންގެ މެދުގައި ބައިބައިވުން އުފެދޭނެކަމަށް ބުނަމުންނެވެ. ޓްރަމްޕް އިމްޕީޗް ކުރުމާމެދު މިފަހަރު ރިޕަބްލިކަނުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.