ރަޝިއާގެ އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ ދޫކޮށްލަން ގޮވާލައި ރަޝިއާގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި 3000ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
ރޮއިޓަރސްގައި ބުނެފައިވަނީ މި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވެއެވެ. މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނާޔާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަވަލްނީ ވަނީ އޭނާ ހައްޔަރުކުރުމާއި ގުޅިގެން މުޒާހަރާ ކުރުމަށް ސަޕޯޓަރުންނަށް ގޮވައިލާފައެވެ.
ނަވަލްނީ ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު އަނބުރާ ގައުމަށް ވަޑައިގަތުމުން އެއަރޕޯޓުންނެވެ. ހައްޔަރުކުރާނެކަމުގެ އިންޒާރު ދީފައިވަނިކޮށް ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ. އެގޮތުން މޮސްކޯގެ ޕްރިޒަން ސަރވިސްއިން މިހާރުވެސް ވަނީ ޕެރޯލްގެ ޤަވާއިދުތަކާ ނަވަލްނީ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އޭގެ ނަތީޖާއެއްގެ ގޮތުން 3 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބުނެފައެވެ.
ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާއިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމުން މުޒާހަރާތަކުގައި ބައިވެރި ނުވުމަށް އަންގާފައެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ޖެހިދާނެކަމަށާއި، ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިކަމުގެ ތުހުމަތުގައި ދައުވާކޮށް ޖަލަށްލާނެކަމުގެ އިންޒާރު ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ. ނަމަވެސް އިދާރާތަކުގެ އެންގުމާ ދެކޮޅު ހަދާ ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައިވެއެވެ.
އޯވީޑީ-އިންފޯ ޕްރޮޓެސްޓް މޮނިޓަރިން ގްރޫއްޕުން ބުނެފައިވަނީ މުޒާހަރާތަކުގެ ތެރެއިން 3060 މީހަކު ހައްޔަރުކޮށްފައިވާ އިރު، މީގެ ތެރެއިން ވެރިރަށް މޮސްކޯއިން 1099 މީހުންނާއި، ސެއިންޓް ޕީޓަރސްބާގުން 386 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދިވެސް މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް މި ގްރޫޕުން ބުނެފައިވެއެވެ. ރަޝިއާގެ 110 އަވަށާއި ސިޓީތަކުގައި މުޒާހަރާތައް ބާއްވާފައިވެއެވެ.
މިއީ ޒަމާންތަކަށް ފަހު މޮސްކޯގައި އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ބޭއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް ރަޝިއާގެ އިދާރާތަކުން ބުނެފައިވަނީ މުޒާހަރާއަށް ނުކުތީ 4000 މީހުން ކަމަށެވެ. އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް މުގުރު ބޭނުންކޮށްފައިވާ ކަމަށެވެ.
ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި، ނަމަވެސް ފަހުން ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ނަވަލްނީގެ ވަކީލު ވެސް ހައްޔަރުކުރިއެވެ.