އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތް ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ކުރުމަށް ސެނެޓުން އެޖެންޑާކޮށްފިއެވެ.
ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާގެ ސެނެޓްގެ ލީޑަރުން ވަނީ މަޝްވަރާތަކަށް ފަހު ދެ ހަފުތާފަހުން ޓްރަމްޕް އިމްޕީޗް ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ތާވަލުކޮށްފައެވެ. ހުކުރު ދުވަހު މިގޮތަށް ނިންމާފައިވަނީ އެމެރިކާގެ ވެރިކަމާއި ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެންގެ ލެޖިސްލޭޓިވް އެޖެންޑާއާއި ކެބިނެޓް މެންބަރުން ޢައްޔަންކުރުމުގެ ކަންކަމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ސެނެޓްގެ މެޖޯރިޓީ ލީޑަރ އަދި ޑިމޮކްރެޓްގެ މެންބަރު ޗަކް ޝަމަރ ވިދާޅުވީ ޓްރަމްޕުގެ މައްސަލަ ބަލަން ފަށާނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. މި ނިންމުމަށް ސެނެޓުގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ އެންމެ މަތީ މެންބަރު މިޗް މެކޮނެލް ވަނީ ތާއިދުކުރައްވާފައެވެ.
އެމެރިކާގެ ރައީސްކަމުގައި ހުންނަވަނިކޮށް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުން އަޒުލުކުރުމަށް ހައުސްއިން ދެވަނަ ފަހަރަށް ފާސްކޮށްފައިވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ރައީސަކު ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ދެ ފަހަރަށް ފާސްކުރި ފުރަތަމަ ފަހަރެވެ. މިފަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްއިން ފާސްކޮށްފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ. ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާފައިވާ ބާރުތައް ޤާނޫނުތަކުގެ ބޭރުން ހިއްޕަވައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރެއްވުމާ ގުޅިގެން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް މިވަނީ ފާސްކޮށްފައެވެ.
ހައުސް އިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފައި މިވަނީ އެކަން ހިނގާދިޔަތާ ގާތްގަނޑަކަށް ހަފްތާއެއްވީ ފަހުންނެވެ. ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްވެފައިވަނީ 232 ވޯޓު 197 ވޯޓުންނެވެ. ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފެންނަކަމަށް ވޯޓު ދެއްވި 232 މެމްބަރުންގެ ތެރޭގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 4 މެމްބަރުން ތިއްބެވިއެވެ.
މިއީ އެމެރިކާގެ ތާރީޚުގައި ރައީސަކު ވެރިކަމުން އަޒުލުކުރުމަށް ފާސްކުރި ހަތަރު ވަނަ ފަހަރެވެ. އަދި މިއީ ރައީސަކު ވެރިކަމުން ދުރުކުރުމަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބިގެންދިޔަ ފަހަރުވެސްމެއެވެ. މީގެ އިތުރުން މިފަހަރަކީ ރައީސަކު ވެރިކަމުން އަޒުލުކުރުމަށް މައި ދެ ޕާޓީކަމަށްވާ ރިޕަބްލިކަން އާއި ޑިމޮކްރަޓުންގެ މެދުގައި ކިރިޔާވެސް ޚިޔާލު އެއްގޮތްވި ފަހަރުވެސްމެއެވެ.
ޓްރަމްޕް ރައީސްކަމުން އަޒުލުކުރުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ދަރިކަނބަލުން އަދި ހައުސްގައި އިންނަވާ ރިޕަބްލިކަން މެމްބަރު ލިޒް ޗޭނީ ހިމެނި ވަޑައިގަންނަވައެވެ.
ހައުސްއިން ސެނެޓަށް ރަސްމީކޮށް ޓްރަމްޕް އަޒުލުކުރުމުގެ މައްސަލަ ވައްދާނީ ހޯމަ ދުވަހުއެވެ.