ޗައިނާއިން ޕާކިސްތާނަށް ކޮވިޑް-19 ވެކްސިންގެ 5 ލައްކަ ޑޯޒް ހަދިޔާ ކުރަން ނިންމުމާއި ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހު މަހުމޫދު ގުރޭޝީ ޗައިނާއަށް ޝުކުރުއަދާ ކުރައްވައިފިއެވެ.
ޗައިނާއިން ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޕާކިސްތާނުން ވަނީ ދާދި ފަހުން ދީފައެވެ.
ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ގުރޭޝީ ވިދާޅުވީ ކޮވިޑް-19އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާއިން ޕާކިސްތާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދީފައިވާކަމަށެވެ. އަދި ޗައިނާއިން 5 ލައްކަ ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ވެކްސިނާއި ގުޅިގެން ޕާކިސްތާނުގެ ހެލްތް މިނިސްޓްރީން ބުނީ ޕާކިސްތާނަށް ވެކްސިން ގެނައުމަށްޓަކައި ވެކްސިން އުފައްދާފައިވާ އެހެން ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން ދާކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މިހާރު ދެ ވެކްސިނަކަށް ޝަރުތުތަކަކާއެކު ބޭނުން ކުރުމުގެ ހުއްދަ ދެވިފައިވާ ކަމަށެވެ. އަދި ބޭނުން ކުރަން ހުއްދަ ދިން ދެ ވެކްސިނުގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.