އީރާގުގެ ވެރިރަށް ބަޣްދާދުގައި ދެ މީހަކު އަމިއްލައަށް މަރުވެގެންދިން ބޮމުގެ ހަމަލާއެއްގައި 28 މީހުން މަރުވެ 73 މީހަކު ޒަހަމްވެއްޖެއެވެ.
މި ހަމަލާއާ ގުޅިގެން އީރާގު ފުލުހުން ބުނީ މިއީ ހަށިގަނޑުގައި ބާރުގަދަ ގޮވާތަކެތި ހަރުކޮށްގެން ތިބި ދެ މީހަކު އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާ ދީފައިވަނީ އޭވިއޭޝަން ސްކެއާ ކައިރީގައި ހުންނަ ބާޒާރެއްގައި އާންމުން ތޮއްޖެހިފައިވަނިކޮށެވެ. މިއީ މިދިޔަ ތިން އަހަރުތެރޭގައި އީރާގުގައި މިގޮތަށް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވާއިރު އީރާގު ސަރުކާރުން ވަނީ މި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާނެ ކަމަށް ބުނެފައެވެ. އަދި އެ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް އީރާގު ސަރުކާރުން ބުނެއެވެ.
މީހުން އަމިއްލައަށް މަރުވެގެން ނުވަތަ ޖާނުންފިދާވުމުގެ ހަމަލާއެއް އެންމެ ފަހުން އީރާގުގައި ދީފައިވަނީ 2017 ވަނަ އަހަރުއެވެ. މި ބާވަތުގެ ބޮމުގެ ހަމަލާތައް އީރާގުގައި އެންމެ ގިނަ ވެގެންދިޔައީ އެ ގައުމުގައި އައި.އެސް. ޖަމާޢަތް ވަރުގަދަވަމުންދިޔަ ދުވަސްވަރުގައެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ފަހު ކޮޅު އީރާގުގެ ބޮޑު ވަޒީރު ހައިދަރުލް އާބާދީ ވަނީ އެގައުމުން އައި.އެސް. ޖަމާޢަތް ވުޖޫދުން ނައްތާލެވިއްޖެކަން އިޢުލާން ކުރައްވާފައެވެ.