ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ގެއެއްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި 3ން މީހުން މަރުވެ 8 މީހަކަށް އަނިޔާވެއްޖެއެވެ.
މެޑްރިޑްގެ ޓޮލެޑޯ މަގުގައި ހުރި ގެއެއްގައި ހިނގި މި ގޮވުމުގެ ހާދިސާ އަކީ ގޭސް ލީކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މެޑްރިޑްގެ ސިޓީ ހޯލް އެމަރޖެންސީ އިންފޮމޭޝަން ސާވިސްއިން ހާމަކޮށްފައިވާ ސީސީޓީވީ ފޮޓޭޖްތަކުން އެތަނުގައި ގޮވި ގޮވުމާއެކު އިމާރާތުގެ ބައިތައް އެކި ދިމަދިމާލަށް ބުރަބުރައިގެންދާ މަންޒަރުފެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޮވުން ގޮވި އިމާރާތުގެ ހަތަރު ފަންގިފިލާއަކަށް އަސަރުކޮށްފައިވާއިރު، ސަލާމަތީ ބާރުތަކުން އަންނަނީ އިމާރާތް އިންސްޕެކްޓްކޮށް އިމާރާތުގެ ތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިމާރާތް ވެއްޓިދާނެ ކަމުގެ ބިރު އޮތުމާއެކު އިމާރާތާ އިންވެގެން ހުރި ގެތަކުން މީހުންނެރެމުގެ މަސައްކަތް ވެސް ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ.
ސްޕެއިންގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އެގައުމުގެ ނޫހަކުން ބުނީ މި ހާދިސާގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 85 އަހަރުގެ އަންހެނަކާއި ދެ ފިރިހެނުން ހިމެނެއެވެ. އަދި މަރުވި ދެ ފިރިހެނުންގެ ވަނަވަރު މިހާތަނަށް ކަށަވަރުވެފައި ނުވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.
ސްޕެއިންގެ ސަލާމަތީ ބާރުތަކުން އިތުރަށް ބުނީ މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ 8 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އަދި މި 8 މީހުންނަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.