ޗައިނާއިން ކޮވިޑް-19ށް ޓެސްޓު ކުރި ތިން އައިސް ކްރީމަކުން ކޮރޯނާވައިރަސް ފެނި، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
އެގައުމުން ތިން އައިސް ކްރީމް ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު މި ތިން އައިސް ކްރީމްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެއާއެކު ޗައިނާގެ އުތުރުގައިވާ ޓިއަންޖިން މުނިސިޕަލިޓީން މި އައިސް ކްރީމް ބޭނުން ކުރި މީހުންނާއި އެ ބެޗުގެ އައިސް ކްރީމް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި އައިސް ކްރީމް އުފައްދާފައިވަނީ ޓިއަންޖިން ޑަކީއޯ ޑާއޯ ގެ ކާބޯތަކެތި އުފައްދާ ކުންފުނިންނެވެ.
އެކުންފުނިން އުފައްދާފައިވާ ތަކެތީގެ ސާމްޕަލްތައް މުނިސިޕަލް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލަށް ފޮނުވާ ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ވުމާއިއެކު އެ ކުންފުނީގެ އުފެއްދުންތައް އުފެއްދުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ.
މިކަމާއި ހުޅިގެން ހޯދި ހޯދުންތަކުން އިނގިފައިވާ ގޮތުގައި އެ ކުންފުނިން އުފައްދާފައިވާ ހުރިހާ ތަކެއްޗެއްވެސް އުފައްދާފައިވަނީ ޔޫކްރެއިންނުންނާއި ނިއުޒިލެންޑުން އިމްޕޯޓު ކޮށްފައިވާ ތަކެތިންނެވެ.
މިކަމާއި ގުޅިގެން ޔުނިވަރސިޓީ އޮފް ލީޑްސްގައި މަސައްކަތް ކުރައްވާ ވައިރޮލޮގިސްޓް ޑރ. ގްރިފިން ވިދާޅުވީ މި ކާބޯތަކެއްޗަށް ވައިރަސް އަރާފައިވަނީ އިންސާނެއްގެ ގައިން ކަމަށް ބެލެވޭ ކަމަށެވެ.
އަދި މި ކާބޯތަކެތި ކޮވިޑަށް ޕޮޒިޓިވް ވުމުގައި ޕްރޮޑަކްޝަން ޕްލާންޓުގެ މައްސަލައެއް ވުން އެކަށީގެން ވާކަމަށް ވިދާޅުވެ ޑރ. ގްރިފިން ވިދާޅުވީ އެތަނުގައި ސާފުތާހިރުކަމުގެ ފެންވަރު ދަށްވުމުންވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. މީގެ އިތުރުން މިކަމާއި މެދު މާބޮޑަށް ހާސްވެ ކަންބޮޑު ނުވުމަށް ޑރ. ގްރިފިން އިރުޝާދު ދެއްވިއެވެ.
މި ހާދިސާއާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރާ 1,662 މުވައްޒަފުން ވަނީ ކަރަންޓީނު ކޮށްފައެވެ.
އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އުފެއްދި ކޮވިޑް-19ށް ޕޮޒިޓިވް 4،836 އައިިސް ކްރީމް ފޮށިތަކުގެ ތެރެއިން 2،089 ފޮށިގަނޑުވަނީ ސްޓޯރޭޖުގައި ބަންދު ކުރެވިފައެވެ.