ރާއްޖޭގެ ރަށްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހުން ދަށަށް ދިޔަނަމަވެސް، ފާއިތުވި 24 ގަޑިއިރު ތެރޭގައި 3768 ސާމްޕަލްގެ ތެރެއިން ޖުމްލަ ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ފާއިތުވި ދެ ހަފްތާގާއި އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ދުވަސްތަކުގައި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައި ވަނީ ދުވާލަކަށް އެކަކު ނުވަތަ ހަތަރު މީހުންނެވެ. ނަމަވެސް ހޮނިހިރު ދުވަހު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އަތޮޅު ތެރެއިން 6 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ އޭރިއާއިން ޕޮޒިޓިވްވި 10 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 6 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި ފަސް މީހެކެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދޭ ސަފާރީ ޔޮޓް ފަދަ އުޅަނދަކުން ޕޮޒިޓިވްވި އެކަކު ހިމެނޭއިރު ހަދަމުންދާ ރަށްތަކުން 7 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 13،474 އެވެ.
އެކްޓިވް ކޭސްގެ ގޮތުގައި މި ވަގުތު 541 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 12،878 އެވެ. ހޮސްޕިޓަލުގައި މި ވަގުތު ވެސް 47 މީހަކަށް ފަރުވާދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 3768 ސާމްޕަލެއް ވަނީ ޓެސްޓް ކުރެވިފައެވެ. އެއާއިއެކު ޖުމްލަ ޓެސްޓް ކުރެވުނު ސާމްޕަލްގެ އަދަދަކީ 286،354 އެވެ.