ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސްއިން އިލްތިމާސްކޮށްފި އެވެ.
މެޓު އޮފީހުން ބުނީ އުތުރުގެ ބައެއް އަތޮޅުތަކަށާއި މެދުރާާއްޖެތެރެއަށް ވިއްސާރަކޮށް ގުގުރުނެކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރުކޮށް ގުގުރާނެކަމަށްވެސް ބެލެވޭ ކަމަށެވެ.
އަދި ހުރިހާ ސަރަޙައްދަކަށް ވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓުގައި ހުންނާނެ ކަމަށްވެސް މެޓުން ބުންޏެވެ.
ލަންކާ ކައިރިން އުފެދެމުން އަންނަ ބުރެވި ތޫފާނާއި ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން ސްރީލަންކާގެ ޓްރިންކޮމޮލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބަރުގަދަވެ، ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި މި ތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެކަމަށް ލަފާކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް އެ އޮފީހުން ދަނީ ބަލަމުންް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި 3 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދުތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުންދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.