ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް ގައި، ފިޝަރީޒް މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ތައްޔާރުކުރާ އާބަން ގާޑެނިންގ މޮޑެލްގެ އަމަލީ މަސައްކަތްތައް އިފްތިތާޙް ކޮށްފިއެވެ.
މި ޕްރޮގްރާމަކީ "ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިންގ" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑަރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އޮކްޓޯބަރ 27 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިފްތިތާހު ކުރެވުނު ޕްރޮގްރާމް އެކެއެވެ.
ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ސްކޫލްގެ ދަރިވަރުން އަހުލުވެރިވުމުގެ މުހިންމުކަމާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ފަރުދީ ފެންވަރުގައި ކުރާ ދަނޑުވެރިކަމަށް ފަހި މާޙައުލެއް ކަށަވަރުކޮށްދިނުމުގައި އާބަން ގާޑެނިންގ ހިއްޞާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
މިނިސްޓްރީގެ އިސްނެގުމާއެކު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑަރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތު އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެންނެވެ.
ވަން އާތު އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި(Self-Sufficient) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.