ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ އަންނަން އޮތް ފިލްމުގައި ރަންބީރު ކަޕޫރާއި އެކު ފެނިގެން ދާނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަޑުކޯން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ތިން ތަރިން އެކުގައި ފެނިގެންދާނީ 1952 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބައިޖޫ ބައުރާ" ގެ ރީމޭކްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ދެ ބަތަލުންނާއި ދެ ބަތަލާއިން ފެނިގެންދާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
މި ފިލްމުގެ ސްކްރިޕްޓާއި ދޭތެރޭ އާލިއާ އާއި ދިޕިކާ ވެސް ވަރަށް ހިތްހަމަ ޖެހޭކަމަށާއި މި ދެ ތަރިން ފިލްމްގައި ފެނިގެންދާނީ ރަންބީރު ދެކެ ލޯބިވެގެން އުޅޭ ދެ ތަރިންގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމްގައި އާލިއާ އަދާކުރާނީ އޮރިޖިނަލް ފިލްމްގައި މީނާ ކުމާރީ އަދާކުރި ރޯލެވެ. އަދި ދިޕިކާ ފެނިގެން ދާނީ އޮރިޖިނަލް ފިލްމްގައި ކުލްދީޕް ކައުރު އަދާކުރި ރޯލުންނެވެ.
"ބައިޖޫ ބައުރާ" ވެގެންދާނީ އާލިއާ އާއި ދިޕިކާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި މިއީ ފިލްމް "ސާވަރިޔާ" އަށް ފަހު ބަންސާލީއާއި އެކު ރަންބީރު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
ރަންބީރާއި އާލިއާ މިހާތަނަށް ކުޅެފައިވަނީ އަޔާން މުކަރްޖީގެ "ބްރަމާސްތްރާ" އެކަންނެވެ. މި ފިލްމް އަދި ރިލީޒްކޮށްފައެއް ނުވެއެވެ. ރަންބީރާއި ދިޕިކާ އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ބަޗްނާއޭ ހަސީނޯ"، "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ބްރަމާސްތްރާ" ހިމެނެއެވެ.