ރ. އުނގޫފާރު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު މިހާރުވެސް ދަނީ ކުރިއަށް ކަމަށް އެރަށު ހޮސްޕިޓަލް ގެ ޑިރެކްޓަރ ޖެނެރަލް ހުސެއިން ޝިޔާމް ވިދާޅުވެއްޖެއެވެ.
އުނގޫފާރު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކުރައްވަމުން އެރަށު ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލް ހުސެއިން ޝިޔާމް ވިދާޅުވީ މިހާރު އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމުގައެވެ. އެގޮތުން އޯޕީޑީ އަދި ލެބޯޓްރީގައި ވެސް ޖާގައިގެ މައްސަލަ ދިމާވެފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރުވެސް ނުހަނު ހަލުވި ކަމާއެކު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ދާކަމަށާ މިހާރު ވެސް ގިނަ އިކުއިޕްމަންޓް ތަކަކާ މެޝިނަރީ ތަކެއް ހޮސްޕިޓަލަށް ގެނަސްފައިވާކަމަށެވެ. އަދި އާ އިމާރާތް ކުރެހުމުގެ މަސައްކަތް ކުރިއަށް ދާކަމަށާ މިހާރު ކުރެވެމުން ދަނީ ޓެންޑަރ ކުރުމުގެ މަސައްކަތް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި މަޝްރޫއު އާމެދު ފޮނި ހުވަފެން ތަކެއް ދެކެމުން އަންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މާލެ ނައިސް ގިނަ ޓެސްޓުތަކެއް ރައްޔިތުންނަށް ހެދޭނެ ކަމަށާ ލެބޯޓްރީގެ ހިދުމަތްތައްވެސް ފުޅާވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުންވެސް ދެމަސް ދަވަހަށްފަހު އެ ހޮސްޕިޓަލުން ވަނީ ލޮލުގެ ބަލިތަކަށްވެސް ފަރުވާ ދޭން ފަށާފައެވެ.
މިކަމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީމިހާރު އެ ހޮސްޕިޓަލުން ފީލްޑް ޓެސްޓް ކުރެވޭނެ ކަމަށާ ހަކުރު ބަލި ފަދަ ބަލިތަކުގެ ސަބަބުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ދެނެގަނެވޭނެ ވަސީލަތްތައް ލިބިފައިވާ ކަމަށެވެ. އަދި އައިނުގައިވާ ނަންބަރު ދެނެގަނެވޭނެ ނިޒާމެއް ހަމަ ޖެހުމާއެކު ކުޑަކުދިންގެ ލެންސް ނަނބަރު ހޯދުމަށް އެޑްވާންސް ޓެސްޓުތަކެއް މިހާރު ހެދޭނެ ކަމަށެވެ. އޭގެ އިތުރުން، އޮޕަރޭޝަންތައް ކުރާނެ ސާމާނުތައްވެސް ލިބިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.