ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 10:04
ހަނިމާދޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމަށްޓަކައި މަގުތައް އެއްވަރު ކުރަނީ
ހަނިމާދޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމަށްޓަކައި މަގުތައް އެއްވަރު ކުރަނީ
ރާއްޖެއެމްވީ
ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު
ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިންމާލައިފި
ރައްޔިތުން އެދިގެން ބައެއް ބަދަލުތައް ޕްރޮޖެކްޓަށް ގެނެސްފައިވޭ
ހޮޅިވަޅުލުމުގެ 62 އިންސައްތަ މިހާރުވަނީ ނިމިފައިވާ

ހދ. ހަނިމާދޫގެ މަގުތައް ތާރު އަޅައިގެން ޒަމާނި ފެންވަރަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ 67 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ 62 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމު ކުރުމުގެ އިތުރުން 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަށް 46.7 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަަމަށް ލަފާ ކޮށްފައިވާއިރު އެމްޓީސީސީއާއި މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ 15 ޖޫން 2019 ގައެވެ.

ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް ޖަންކްޝަންތައް ވަޅުލަނީ

މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިންމާ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމުގެ ހުރިހާ މަސައްކަތެއް ނިންމާލެވިފައިވާ ކަމަށާއި، ދުވާރު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އަދި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްއާއި ރައްޔިތުންގެ ވެސް ހިޔާލާއި މަޝްވަރާއާއި އެކީގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ރާއްޖެޓީވީގެ ގައުމީ ތަރައްޤީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސީއީއޯ އާޒިމް ވިދާޅުވެފައިވަނީ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ބަދަލުތައް ގެނައުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އުނދަގޫވި ނަމަވެސް އަދި އަގުބޮޑުވި ނަމަވެސް ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް މަގުތައް ހެދިގެން ދިއުން ކަމަށެވެ.

އެހެންކަމުން އެމްޓީސީސީގެ އަމާޒަކީ ވެސް ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް އެންމެ ލުއިވާނެ ގޮތަކަށް އަދި އެންމެ ފަސޭހަވާނެ ގޮތަކަށް މަގުތައް ހަދާ ރައްޔިތުންނާއި ހަވާލު ކުރުން ކަމަށެވެ.

- ކޮމެންޓް