ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސްގެ މައްސަލަ އަކީ މޮރިޝަސްއާ އާއި އިނގިރޭސިންނާއި ދެމެދުވާ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނޭދޭ ކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު އެފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ރާއްޖެއާއި ދެކޮޅަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުންނެވެ. މޮރިޝަސް އިން އިޓްލޮސްގައި ރާއްޖެ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަކީ ރާއްޖެއާއި މޮރިޝަސް އާއި ދެމެދުގައިވާ އިޤްތިސާދީ ހާއްސަ ސަރަހައްދު ކަނޑައާޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބް ވިދާޅުވީ ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސްގެ މައްސަލަ އަކީ މޮރިޝަސްއާ އާއި އިނގެރޭސިންނާއި ދެމެދުވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމަށް ނޭދޭ ކަމަށެވެ. ރާއްޖެ އަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރާ ޤައުމެއްކަން ފާހަގަކުރައްވާ ބަންޑާރަ ނައިބް ވިދާޅުވީ ރާއްޖެއިން ވަންނަން ޖެހިފައިވަނީ، ރާއްޖެއިން ބޭނުން ނުވާ މައްސަލައެއްގެ ތެރެއަށް ކަމަށެވެ.
ރާއްޖެއާއި މޮރިޝަސް އަކީ އެކުވެރި ދެ ޤައުމުކަން ފާހަގަކުރައްވާ ބަންޑާރަ ނައިބް ވިދާޅުވީ މޮރިޝަސްއާ އާއި އިނގެރޭސިންނާއި ދެމެދުގައިވާ މައްސަލައެއްގެ ތެރެއަށް ރާއްޖޭގެ އިޤްތިސާދީ ހާއްސަ ސަރަހައްދުގެ މައްސަލަ މޮރިޝަސް އިން ހުށަހެޅުމުން ލިބުނީ ހައިރާން ކަމެއް ކަމަށެވެ. ބަންޑާރަ ނައިބް ވިދާޅުވީ ޓްރައިބިއުނަލްގައި ވެސް ރާއްޖެއިން ވަކިކޮޅެއް މައްސަލާގައި ނުނަގާނެ ކަމަށާއި، އަދި މައްސަލާގައި ޝާމިލްވާ އެއް ފަރާތުގެ ހާޒިރުވުމެއް ނެތި ޓްރައިބިއުނަލަށް މައްސަލާގައި ގޮތެއް ނިންމިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ބަންޑާރަ ނައިބް ވިދާޅުވި ގޮތުގައި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާއި ގުޅެގޮތުން މަޝްވަރާ ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.
ބަންޑާރަ ނައިބް ވަނީ އދ.ގެ އާއްމު މަޖިލީހުގައި މިދިޔަ އަހަރުގެ މެއި މަހުގައި ފޯޅަވަހީގެ މައްސަލައިގައި ނެގި ވޯޓުގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިން ދިނުން ފަހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ދެކޭ ގޮތުގައި ފޯޅަވަހީގެ މައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ މައްސަލާގައި ޝާމިލްވާ ހުރިހާ ޤައުމެއް މަޝްވަރާ ކުރުން ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.
ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒު ކުރުމާ ބެހޭ ގޮތުން އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި އެއްކޮޅަށް 116 ވޯޓް ދީފައިވާއިރު ދެކޮޅަށް ވޯޓް ދީފައި ވަނީ ހަ ގައުމަކުންނެވެ. ވަކި އަތަކަށް ވޯޓް ނުދީ 56 ގައުމު އޮތެވެ. ދެކޮޅަށް ވޯޓް ދީފައިވަނީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ހަނގޭރީ، އިސްރާއީލް، އަދި އެމެރިކާ އާއި އިނގިރޭސި ވިލާތެވެ.
ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) 25 ފެބުރުއަރީ 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަން އޮތީ މި މައްސަލައިގައި ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމާމެދު ދައުވާ ކުރާ މޮރިޝަސްއިން އެދޭ ގޮތަށެވެ.
އެ ކޯޓުގެ އޮޕީނިއަންގައިވާ ގޮތުން މޮރިޝަސްގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ނިމުމަކަށް ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަކަށް ނޫނެވެ. އޭގެ ސަބަބަކީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައިރު ޗާގޯސް މިނިވަންވެފައި ނުވާތީއެވެ. މި ސަބަބާއެކު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ދޫކޮށްލުމަށް އައިސީޖޭގެ ލަފާގައި ބުނެފައިވެއެވެ.
ދިވެހިރާއްޖެއިން މީގެ ކުރިން ދެކެމުން ދިޔައީ ޗާގޯސްގެ މައްސަލަ އަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮން ދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރިޝަސް އިން ވަނީ އެކަމަށް ދެކޮޅު ހަދައި އދގެ ސެކްރެޓެރީ ޖެނެރަލަށް ރަަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.
މޮރިޝަސް އިން އިއުތިރާޒް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ޗާގޯސްއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް މޮރިޝަސް އިން ވަނީ ދިވެހިރާއްޖެއަށް ގޮވާލާފައެވެ. ރާއްޖެއިން ބުނެފައި ވަނީ އެ ވޯޓަކީ އިނގިރޭސި ވިލާތާއި ނުވަތަ އެމެރިކާއާ އެއްކޮޅަށް ދީފައިވާ ވޯޓެއް ނޫން ކަމަށެެވެ. އަދި މިއީ މޮރިޝަސްއާ ދެކޮޅަށް ދިން ވޯޓެއް ވެސް ނޫން ކަމަށެވެ.
މިއީ ރާއްޖޭގެ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ދިން ވޯޓެއް ކަމަށެވެ.
ހަބަރާއިގުޅޭ ބައެއް ލިޔުންތައް: