މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ރިސޯޓް މުވައްޒަފުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރައްވާ ސިއްޙީ މާހިރުންނަށް އަމާޒުކޮށްގެން ސިއްޙަތާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ބުނީ ކޮވިޑް-19 ގެ ޙާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އާންމު ސިއްޙަތާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް 11 އޮކްޓޯބަރ 2020 ގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ މިގޮތަށް ކުރިއަށް ގެންދިޔަ 4 ވަނަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ތިން ގަޑިއިރުގެ ދެ ސެޝަނަކަށް ބަހާލައިގެން ޖުމްލަ 137 ބައިވެރިންނާއެކުގައި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ.
އާންމު ސިއްޙަތުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކޮށްފައި ބޭއްވުމަށްފަހު ޖުލައި 15 އިން ފެށިގެން ފަތުރުވެރިކަމަށް އަލުން ހުޅުވާލިއިރު، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިނަށް އަހުލުވެރިވުން މުހިންމު ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރުމުގައިވެސް ބަލި ފެތުރުން ވީހާވެސް މަދުކުރެވޭނެ ގޮތަށް އެންމެންގެ އަމަލުތައް ބައްޓަންކުރަންޖެހޭ ކަމަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތު މިޕްރޮގްރާމްގައި ޙިއްސާކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖުލައި 15 ގެ ފަހުން މިހާތަނަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު ޖުމްލަ 9538 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވެއެވެ. މިއީ ފާއިތުވި މަސްތަކަށް ވުރެ 25 އިންސައްތަ އިތުރު އަދަދެކެވެ. އެއާއި އެކު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ 18،867ށް އަރާފައެވެ.
މި މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ގެސްޓް ހައުސް ހުޅުވުމަށް މިހާރު ވަނީ ނިންމާފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ގައުމަކީ ރާއްޖެއެވެ. އެއީ މުޅި އިގްތިޞާދު މުޅިންހެން ފަތުރުވެރިކަމަށް ބިނާވެފައިވާތީ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއާ އެކު ފަތުރުވެރިންނަށް އަމާޒުކޮށްގެން ގިނަ ޕްރޮމޯޝަން ހިންގުމުގެ އިތުރުން ރާއްޖެ މާކެޓް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.