"ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޯޕަރޭޝަނުން ރަޖިސްޓްރީ ކޮށްފިއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އެ އިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެކުންފުނީގެ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަކީ އެކަށީގެންވާ ގާބިލު ބަޔަކަށް ހެދުމާއި ގުޅޭ ތަމްރީނުތައް ދިނުން ކަމަށެވެ. އަދި މިއީ މިހާރުގެ ފެނަކައިގެ މެނޭޖްމެންޓުގެ ވަރަށް ބޮޑު ތަސައްވަރެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުގެ މަތިން މި ތަމްރީނުތަށް ދެއްވުމަށް އެންމެ އެކަށޭނެ ގޮތަކަށް ފެނިވަޑައިގަތީ މިކަމަށް ހާއްސަ ތަމްރީނުދޭ އިދާރާއެއް އުފައްދާ އެ ތަމްރީނުތައް ދެއްވުން ކަމަށް ސައީދު ވިދާޅުވިއެވެ.
މި އިންސްޓިޓިއުޓުން ތަޢުލީމް ޙާޞިލްކޮށް ދަސްވެނިވާ މީހުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސެޓްފިކެޓެއް ދެވޭނެ ކަމަށާއި އަދި މި ތަމްރީނު ޕްރޮގްރާމުތައް ނިމުމުން ފެނަކަ މުވައްޒަފުންނަކީ ކުރިމަގުގައި އެންމެ އެކަށޭނެ އަދި އެންމެ ގާބިލް ބޭފުޅުންނަށް ވެގެންދާނެ ކަމަށެއެވެ.
ފެނަކަ އަކީ ފެނާ ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަކަށް ވުމުން މި އިންސްޓިޓިއުޓްއިން ހިންގާ ކޯސްތައް ވެގެންދާނީ ވެސް ބޮޑަށް އެ ދާއިރާތަކަށް ނިސްބަތްކޮށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ހާއްސަ ކޮށްލެވޭ ބައެއް ދާއިރާތަކުގެ ތެރޭގައި މެކޭނިކަލް އިންޖިނިއަރިންގ, އެލެކްޓްރިކަލް އިންޖިނިއަރިންގ އަދި ހާއްސަކޮށް ރިނިއުބަލް އެނާރޖީގެ ދާއިރާއިން ފަންނުވެރި މުވަޒަފުންތަކެއް އުފައްދާ ތަމްރީނުތައް ދިނުމަށް ކަމަށް ވިދާޅުވިއެވެ.
މިތަމްރީނުތަކަށް ފަހު އިޔާދަ ކުރުވަނި ހަކަތާގެ ރިސާރޗް ކުރުމާއި ފެނާ ނަރުދަމާގައި ރާއްޖެ އަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ. އަދި ދިރާސާކޮށް އެކަމުގެ އަލީގައި ކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނެ. އެކަންކަމަށް ރައްޔިތުން އަހުލުވެރި ކުރުމުގެ މަސައްކަތްތައް ކުރެވިގެން ދާނެ.~ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު
މި އިންސްޓިއުޓްގައި ބައިވެރިވުމަށް އެއްވެސް އުމުރަކަށް ބެލުމެއް ނޯންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ފެނަކައިގެ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ގޮތަށް އެކި ބެޗްތަކަށް ބަހާއިގެން މި ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކަމަށާއި މި ތަމްރީނު ތަކުގައި ބައިވެރިވެވޭނެ މީހުންގެ ވަކި އަދަދެއް އަދި ކަނޑައަޅުއްވާފައި ނުވާނެ ކަމަށެވެ.
3300ށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ފެނަކައިގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.