ހދ. ފިނޭގެ އާ އިންޖީނުގެ ޒަމާނީ ފެންވަރަކަށް އިމާރާތް ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެރަށު ކައުންސިލްްގެ ރައީސް ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ފިނޭ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ ގޮތުން އިމާރާތް ކުރެވޭ އައު އިންޖީނުގޭގެ މަސައްކަތުގެ 96 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވީ އެ އިންޖީނުގެ އަކީ ކުރީގެ ހެލްތް ސެންޓަރު ހުރި އިމާރާތް ކަމަށާއި އަދި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ވުމާއެކު ރައްޔިތުންނަށް ގިނަ ދަތި ތަކާ ކުރިމަތިވާ ކަމަށެވެ.
އެގޮތުން އަޑުގަދަ ވުމާއެކު ކައިރީ ގޭގެއަށް ދުމުގެ އަސަރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ގޭގެއިން ދުމުގެ އަސަރު ކުރުމާއެކު ވާރޭ ފެން ނެގުމަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫއުއާމެދު ގިނަ އުއްމީދުތަކެއް ކުރެވޭ ކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިންޖީނުގެ ގާއިމް ކުރެވުމުން ރައްޔިތުންނަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ޒަމާނީ ފެންވަރަކަށް ގާއިމް ކުރެވޭ މި އިމާރާތުގެ ސަބަބުން މަސައްކަތް ކުރާ މުވައްޒަފުންނަށް ރައްކާތެރިކަން އިތުރަށް ލިބިގެން ދާނެކަމަށް ވެސް އުއްމީދު ކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެވިފައިވަނީ 13 ނޮވެމްބަރ 2019 ގައެވެ.