ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 09:14
ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ބައްލަވާލެއްވުން
ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ބައްލަވާލެއްވުން
އެމްޓީސީސީ
ގދ.ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީ
ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ފައްޔާޒާއި މައުސޫމް ބައްލަވާލައްވައިފި
މަސައްކަތް ފެށީ ސެޕްޓެމްބަރު 25 ގައި
ތިނަދޫގައި ގާއިމް ކުރަނީ 22 އެނދުގެ ފެސިލިޓީއެއް
14 އޮކްޓޫބަރަށް މަސައްކަތް ނިންމޭނެ ކަމަށް ވަނީ ލަފާކޮށްފައި

ގދ. ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރ އޮފް ޓުއަރިޒމް ޑރ. އަބްދުﷲ މައުސޫމް ބައްލަވާލައްވައިފި އެވެ.

މިފެސިލިޓީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން ބުނީ ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީ އެއް ގާއިމުކުރުމުގެ މަސައްކަތް 25 ސެޕްޓެމްބަރ ގައި ފަށާފައިވާ ކަމަށާއި، މަސައްކަތް ހަލުވިިމިނެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫއު 14 އޮކްޓޯބަރ 2020 ގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކުރުމަށް ނިންމީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ފަރުވާ ހޯދުމަށް ގެންދިޔުމުން ރަށަށް ނޭރުވުމުންނެވެ. އެރަށުގެ ބަޔަކު ދެކޮޅު ހެދުމާ ގުޅިގެން އެންމެ ފަހުން އެމީހާއަށް ފަރުވާ ދިނުމަށް އެއަރޓެކްސީއެއްގައި ގެނައީ މާލެއަށެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބައެއް ފާޑު ކިޔުން ވެސް ވިލިނގިލީގެ ރައްޔިތުންނަށް ކުރިމަތިވެގެންދިޔައެވެ. އަދި މިހާރު ވިލިނގިލި ކޮވިޑް ފެސިލިޓީގައި ދަނީ ބައެއް މީހުންނަށް ފަރުވާ ދެމުންނެވެ.

ކޮވިޑް- 19 ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ސަރުކާރުން ގާއިމް ކުރިއެވެ. އެގޮތުން ގދ.ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމް ކުރެވިފައިވަނީ ވިލިނގިލީގައެވެ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

- ކޮމެންޓް