ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 02:57
ފްރާންސް އަދި އިޓަލީއަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއްވުން
ފްރާންސް އަދި އިޓަލީއަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއްވުން
ޓްވިޓަރ
ތޫފާން އެލެކްސް
ފްރާންސް އަދި އިޓަލީއަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ!
ގެއްލިފައިވާ މީހުންގެ އަދަދު 24 އަށް އަރާ

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުގެ ސަބަބުން އިޓަލީ އަދި ފްރާންސްއަށް ބޮޑެތި ގެއްލުން ތަކެއްވެއްޖެއެވެ.

އެލެކްސްގެ ނަމުން ނަން ދެވިފައިވާ މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ވައިގަދަވެ، ފްރާންސް އަދި އިޓަލީގައި ފެންބޮޑުވެ ބޮޑެތި ހާދިޘާތަކެއް ހިނގައިފިވާކަމަށް ވެއެވެ. މި ތޫފާނުގެ ސަބަބުން ދެ ޤައުމުން މިހާތަނަށް ދެ މީހުން މަރުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 24 އަށް އަރާފައި ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހު ކުރަން ފެށި ވިއްސާރައިގައި ފްރާންސާއި އިޓަލީ ގުޅުނު ސަރަޙައްދަށް 630 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

މިއީ އާންމު ގޮތެއްގައި އެއް އަހަރު ތެރޭގައި ވާރޭވެހޭ މި މިންވަރު ކަމަށް ބުނެއެވެ. އަދި މިއީ 1958 ގެ ފަހުން މި ސަރަޙައްދަށް އެންމެ ބޯކޮށް ވާރޭވެހުނު ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި ފްރާންސްގެ ދެކުނުގެ ސިޓީއެއްކަމަށްވާ ނީސްގެ ގިނަ ޢަދަދެއްގެ އަވަށްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުން ބުނެއެވެ. ނީސްގެ އުތުރުގައި އޮންނަ ގިނަ ޢަދަދެއްގެ އަވަށްތަކަށް ދަތުރުކުރާ މަގުތައްވަނީ ބަންދުވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ސަރަޙައްދަށް ދިމާވި ފެންބޮޑުވުމުގެ އެންމެ ބޮޑު ހާދިސާ ކަމަށް ނީސްގެ މޭޔަރު ވިދާޅުވެފައި ވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން އިޓަލީވިލާތުގެ އުތުރުގެ ސަރަޙައްދުތަކުގެ މަގުތަކާއި ފާލަންތައްވަނީ ހަލާކުވެފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ކޯރުތަކުގެ ފެންގަނޑު އުފުލި، ބައެއް ކޯރުތައް ވަނީ ބަންޑުންވެފައެވެ.

މި ތޫފާނުގެ ސަބަބުން އެއޮސްޓާ ވެލީއާއި ލޮމްބާޑީއާއި ލިގޫރިއާއަށްވެސް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. އަދި މި ހާދިސާގައި މީހުން ސަލާމަތްކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ޢަދަދެއްގެ މީހުން ހަރަކާތް ތެރިވަމުން އެބަގެންދެއެވެ.

- ކޮމެންޓް