ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 19:57
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
ރާއްޖެއެމްވީ
އެސް.ޓީ.އެސް ފޯރަމް
ކަނޑު އަޑީގެ ޑޭޓަރ ސެންޓަރެއް ރާއްޖޭގައި ޤާއިމު ކުރުމަށް ފުރުސަތު އެބައޮތް: މަލީޙް
އެސް.ޓީ.އެސް ފޯރަމް އުފެދިފައިވަނީ ނޮވެންބަރު 2004ވަނަ އަހަރު
ކޮންމެ އަހަރެއްގައި ޖަޕާނުގެ ކިޔޯޓޯގައި އެސް.ޓީ.އެސް ފޯރަމް އަންނަނީ ބާއްވަމުން

ކަނޑު އަޑީގެ ޑޭޓަރ ސެންޓަރެއް ދިވެހިރާއްޖޭގައި ޤާއުމުކުރުމަށް ފުރުސަތު އޮތް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޯލޮޖީ އިން ސޮސައިޓީ (އެސް.ޓީ.އެސް) ފޯރަމްގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައި ވީ ނަމަވެސް ދިވެހިރާއްޖެއަށް ބަލާނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑެ މައްސަލަ ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ މި ކުދި ޖަޒިރާ ޤައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު އެއްޗެހިކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ދެކެވަޑައިގަންނަވާ ގޮތުގައި ސައިންސް، ޓެކްނޯލޮޖީ އާއި އިނޮވޭޝަން ގެ އެހީގައި މި ހައްލުތައް ހޯދިދާނެއެވެ. އަދި ކޮވިޑް-19ގެ މި ކާރިސާއިން ރިސާޗް އެންޑް ޑެވެލޮޕްމަންޓް ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމާއި، އިންޓަރނެޓްގެ މުހިއްމު ކަން އިތުރަށް ފާހަގަވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުން ކުރެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރު ކުރުމަށް މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ދިވެހިރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓްގައި (އިރުމައްޗާއި ހުޅަނގު ގުޅާލެވޭ ރޫޓް) ކަމާއި، އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓަރ ސެންޓަރުތަކެއް ގާއިމު ކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމުކަމާއި، މިހާރުވެސް ދިވެހިރާއްޖެ އަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި، ރެސްޓޯރަންޓުތައް ހުރި ޤައުމަކަށް ވެފައި ދިވެހިރާއްޖޭގައި ކަނޑު އަޑީގެ ޑޭޓަރ ސެންޓަރ އެއް ޤާއިމު ކުރުމުގެ ދޮރު ވަނީ ހުޅުވާލެވިފައި ކަމާއި، އެކަމަށް ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި، ޓެކްނޯލޮޖީ ކުންފުނިތަކަށް މިނިސްޓަރ ވަނީ ދައުވަތު އަރުވާފައެވެ.

ޓެކްނޯލޮޖީ އާއި އިންޓަރނެޓް އިން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައި ވީ ނަމަވެސް މީގެ ސަބަބުން މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ. އެހެންކަމުން ޑިޖިޓަލް ޑެވެލްމަންޓް ގައި ސޯޝަލް ސައިންސްގެ ރޯލު އިތުރަށް ފުޅާ ކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިގޮތުން ޖަޕާނުގެ އިސްނެގުމެއް ކަމުގައިވާ ސޮސައިޓީ 5.0 އަކީ މިނިސްޓަރ ތަރުހީބުދޭ ސޯޝަލް މޮޑެލް އެއްކަމުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވީތީ އެސް.ޓީ.އެސްގެ ފައުންޑަރ، ޗެއަރމަން ކޯގީ އޯމީ އަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި މުސްތަގުބަލުގައި ޖަޕާނާއި އެހެނިހެން ޤައުމުތަކާއެކު ސޮސައިޓީ 5.0 އަކަށް މަސައްކަތް ފެށުމުގެ އުއްމީދު ކުރާ ކަމަށް ނިންމާލަމުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެސް.ޓީ.އެސް ފޯރަމް އުފެދިފައިވަނީ ނޮވެންބަރު 2004ވަނަ އަހަރު އެވެ. 2004ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ޖަޕާނުގެ ކިޔޯޓޯގައި އެސް.ޓީ.އެސް ފޯރަމް އަންނަނީ ބާއްވަމުންނެވެ. މި ފޯރަމް އަކީ ސައިންސް އާއި ޓެކްނޯލޮޖީގެ އެހީގައި އިންސާނުންގެ ދިރއުޅުން ފަސޭހަ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދާއިރާއަށް ހުރި ގޮންޖެހުންތަކާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސް އާއި ޓެކްނޯލޮޖީގެ ދާއިރާގެ ލީޑަރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.

- ކޮމެންޓް
5 އޮކްޓޯބަރ 2020 | ހޯމަ 02:47
އެމޫ
މީނަ ދައްކާ ވާހަކަ ހެޑްލައިނަށް އަރުވާވަރެއްނޫން... ހަމަ ފޮޅި ވާހަކަ... ކަމެއް ކުރާނަމެކޭ ނުބުނެވޭ... އަންދާޒާއެއްދީފަ "ވެދާނެޔޯ"... މާދަން ބުނާނެ ސެޓްލައިޓްވެސް ލައުންޗް ކުރެވޭނެއޭ... ބޮޓެއް ތިއީ.. ތިގޮލާ ލައިގެން މި 5 އަހަރު ދާނީ ޗޮކުން...