މިއަހަރުގެ ޖޫން މަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕުތްގެ ހަނދާނުގައި ވެކްސް ސްޓެޗޫއެއް ހަދައިފިއެވެ.
މި ސްޓެޗޫ ހަދާފައިވަނީ އިންޑިއާގެ ވެސްޓް ބެންގަލް އެސެންސޮލްގެ އާޓިސްޓެއް ކަމަށްވާ ސުކާންތޯ ރޯއީއެވެ. ރޯއީ ވަނީ އޭނާގެ މިއުޒިއަމްގައި އާންމުންނަށް ފެންނާނެ ގޮަތަށް މި ސްޓެޗޫ ބަހައްޓާފައެވެ.
ސްޓެޗޫއާ ގުޅޭގޮތުން ރޯއީ ބުނެފައިވަނީ އޭނާއަކީ ސުޝާންތުގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި ސްޓެޗޫ ތައްޔާރުކުރީ ސުޝާންތުގެ ހަނދާނުގައި ކަމަށެވެ.
އަދި ސުޝާންތުގެ އާއިލާއިން ބޭނުންވެއްޖެ ނަމަ އިތުރު ސްޓެޗޫއެއް ހަދައިދޭނެކަމަށް ރޯއީ ވަނީ ބުނެފައެވެ.
ސުޝާންތުގެ މި ސްޓެޗޫ ހެދުމާއިއެކު ގިނަ ބަޔަކު ދަނީ މިޔުޒިއަމްއަށް ގޮސް ސުޝާންތު އާއި އެކު ފޮޓޯ ނަގަމުންނެވެ.
ރޯއީ ވަނީ މީގެ ކުރިންވެސް މަޝްހޫރު މީހުންގެ ސްޓެޗޫ ތައްޔާރުކޮށްފައެވެ. އެގޮތުން ބޮލީވުޑް މެގަރ ސްޓާރ އަމީތާބް ބަޗަން އާއި އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީފަދަ މަޝްހޫރު މީހުންގެ ސްޓެޗޫ އޭނާ ވަނީ ތައްޔާރުކޮށްފައެވެ.
ސުޝާންތު އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިފައިވަނީ ޖޫން މަހުގެ 14 ގައެވެ. ސުޝާންތުގެ މަރާއި ގުޅިގެން ހިންގާ ތަހުޤީގުގައި ޑްރަގް ކޭސްއާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއާއި އޭނާގެ ބޭބެގެ އިތުރުންވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.