މަޝްހޫރު ގޭމިންގް އެޕްލިކޭޝަންއެއް ކަމަށްވާ ޕަބްޖީ އިންޑިއާގައި މަނާ ކުރުމުން އެފަދަ އެހެން ގޭމިންގް އެޕްލިކޭޝަނެއް ތަޢާރަފު ކުރަން އުޅޭ ވާހަކަ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރް ބުނެފިއެވެ.
ގިނަ ޒުވާނުންގެ މެދުގައި މަޤުބޫލު ވީޑިއޯ ގޭމެއް ކަމަށްވާ ޕަބްޖީ ވަނީ ސެޕްޓެމްބަރ ތިން ވަނަ ދުވަހު އިންޑިއާގައި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އިންޑިއާ އިން ވަނީ މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭސްޓޯރ އަދި އެޕްސްޓޯރ އިން ވެސް ނަގާފައެވެ.
ޕަބްޖީ މަނާކުރުމާއި ކުރުމާއި ގުޅިގެން އިންޑިއާގެ ޒުވާނުންގެ މާޔޫސްކަން ބޮޑުވެފައިވާ ހާލަތުގައި، އެ ގޭމް މަނާކުރިތާ 48 ގަޑިއިރު ނުވަނީސް ސެޕްޓެމްބަރ ހަތަރެއްގައި، އަކްޝޭ ކުމާރު ވަނީ ޕަބްޖީ ކަހަލަ އައު ބެޓްލް ފީލްޑް ގޭމެއް ވަރަށް އަވަހަށް ތައާރަފު ކުރާނެ ވާހަކަ ޓްވީޓެއްގެ ޒަރިއްޔާއިން ހާމަކޮށްދީ، އިންޑިއާގެ ޒުވާނުން ހެއްވާލާފައެވެ.
އަކްޝޭ ކުރި ޓުވީޓުގައި ބުނީ މި ގޭމްގެ ނަމަކީ "ފިއަރލަސް އެންޑް ޔުނައިޓަޑް ގާރޑްސް" (ފައު-ޖީ) ކަމަށެވެ. މި ގޭމުގެ ޒަރިއްޔާ އިން އިންޑިއާގެ ސިފައިން ވެފައިވާ ޤުރުބާނީ ތަކާއި ބެހޭ ގޮތުން ވެސް އެތަކެއް ކަމެއް ދަސްވާނެ ކަމަށް ވެސް އަކްޝޭ ބުންޏެވެ. އަދި މި ގޭމް އުފައްދާނީ އިންޑީއާގެ ލީޑިންގ މޯބައިލް ގޭމް ޕަބްލިޝަރ ކަމަށްވާ އެންކޯރ ގޭމްސް އިންނެވެ.
ފައު-ޖީ މި ގޭމް އަދި ތައާރަފް ކުރާނެ ވަކި ތާރީހެއް އަކްޝޭގެ ޕޯސްޓުގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މި ގޭމް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.
އަކްޝޭގެ މި ޕޯސްޓް އިންސްޓަގްރާމްގައި ވެސް ހިއްސާ ކޮށްފައިވާއިރު މި ޕޯސްޓަށް ވަނީ 3 މިލިއަން ލައިކްސް ލިބިފައެވެ.
ޕަބްޖީ ހިމެނޭ ގޮތަށް ޗައިނާގެ 118 މޯބައިލް އެޕްލިކޭޝަނެއް އިންޑިޔާގައި ބޭނުން ކުރުން މަނާކޮށްފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާ ވާކަމަށް ބުނެއެވެ. އިންޑިޔާއިން ޗައިނާގެ މޯބައިލް އެޕް އެ ގައުމުގައި ބޭނުން ކުރުން މަނާކުރަމުން މިދަނީ ބޯޑަރުގެ މައްސަލާގައި ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން ވެރިވަމުން އަންނަ ދުވަސްވަރެއްގައެވެ.
ހިމާލިޔަން ބޯޑަރުގެ މައްސަލާގައި ދެ ގައުމުގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް ދެ ގައުމުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.