މަސްތުވާ ތަކެއްޗަށް ޓެސްޓް ކޮށްދިނުމަށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތް މުމްބާއި ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
ކަންގަނާ މިހެން ބުނެފައި މިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދްޔާޔަން ސުމަން އަށް ކޮކެއިން ދޭން ކަންގަނާ މަސައްކަތް ކުރި ކަމަށް އޭނާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވުމާއި ގުޅިގެންނެވެ. ކަންގަނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް މުމްބާއީ ފުލުހުން ތަހުގީގު ކުރަމުންދާނެ ކަމަށް މަހާރާޝްތްރާ ހޯމް މިނިސްޓަރ އަނިލް ދޭޝްމުކް ވިދާޅުވުމާއި ގުޅިގެންނެވެ.
މި ތުހުމަތުތަކާއި ގުޅިގެން ކަންގަނާ ކޮށްފައިވާ ޓްވީޓްގައި އޭނާ ހުރީ ޑްރަގް ޓެސްޓް ހެދުމަށް ތައްޔާރަށް ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ އެއްވެސް ފަރާތަކާއި ގުޅުމެއް އޮތްތޯ ބެލުމަށް ކޯލް ރެކޯޑުތައް ތަހުގީގު ކުރުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެއްވެސް ފަރާތަކާއި ގުޅުމެއް އޮތްކަން ސާބިތު ކޮށްދެވިއްޖެނަމަ އޭނާގެ ކުށް ގަބޫލުކޮށް، ދާއިމަށް މުމްބާއި ދޫކޮށް ދާނެ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
2016 ވަނަ އަހަރު އަދްޔާޔަން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ 2008 ވަނަ އަހަރު ކަންގަނާގެ އުފަން ދުވަހު ކޮކެއިން ބޭނުން ކުރުމަށް ކަންގަނާ އެދުމުން އޭނާ އެކަން ނުކުރުމުން ކަންގަނާ އާއި ދެމީހުން އެކަމާއި އަރާރުންވާން ޖެހުނު ކަމަށެވެ.
ކަންގަނާ އާއެކު އޭނާ ކުރިން ހޭޝް ބުއި ކަމަށާއި ނަމަވެސް އެއީ ކަމުދާ އެއްޗަކަށް ނުވާތީ އެކަމަށް ނޫނެކޭ ބުނި ކަމަށް އަދްޔާޔަން ވަނީ ބުނެފައެވެ.
ކަންގަނާގެ މައްޗަށް މަސްތުވާތަކެއްޗާއި ގުޅޭގޮތުން ތުހުމަތުތަކެއް ކޮށްފައިވާ އިރު ދާދިފަހުން އޭނާ ވަނީ ބޮލީވުޑްގެ 99 އިން ސައްތަ މީހުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެފައެވެ.