ބޮލީވުޑްގެ ތަރި ޖެކްލިން ފެނާންޑޭޒް ކޮވިޑް-19 އަށް ހެދި ޓެސްޓްގެ ނަތީޖާ ނެގެޓިވްކަމަށް އޭނާ ބުނެފިއެވެ.
ޖެކްލިން ކޮވިޑަށް ޓެސްޓްކޮށްފައި އޭނާ މިހާރު ކުރިއަށް ގެންދާ ޝޫޓިންގައި ހިމެނޭ ދެ ކްރޫއިން ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
ޖެކުލިން އޭނާގެ އިސްންޓަގްރާމްގައި ހިއްސާކޮށްފައިވާ ނޯޓެއްގައި ބުނެފައިވަނީ ނިއު ނޯމަލްގައި ބްރޭންޑް ޝޫޓް ފަށަން ތައްޔާރުވަމުން ދިޔައީ ރައްކައުތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށެވެ. އެގޮތުން ޓީމުގައި ހިމެނޭ ހުރިހާ މެންބަރުން ޓެސްޓްކުރި ކަމަށާއި އޭގެތެރެއިން ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ. ނަމަވެސް އޭނާ އާއި އިތުރު މެންބަރުންގެ ނަތީޖާ ނެގެޓިވް ކަމަށް ޖެކްލިން ވަނީ ބުނެފައެވެ.
އެންމެންގެ ރައްކައުތެރިކަމަށްޓަކައި ޝޫޓިންތައް ފަސްކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޕޮޒިޓިވްވި މީހުން ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށާއި އެމީހުންގެ ފަރުވާ ކުރިއަށްދާ ކަމަށް ޖެކުލީން ވަނީ ބުނެފައެވެ.
ޖެކުލީން ދެން އެންމެ އަވަހަށް ފެނިގެންދާނީ ސައިފް އަލީ ޚާން އާއި ޔާމީ ގޯތަމް އާ އެކު "ބޫތް ޕޮލިސް" އިންނެވެ. ފިލްމްގެ ޑައިރެކްޓަރ ޕަވަން ކިރުޕަލާނީ ބުނެފައިވަނީ މި ފިލްމަކީ މި ޓީމާއި އެކު އޭނާ މަސައްކަތް ކުރާ ފުރަތަމަ ފިލްމް ކަމަށެވެ.
މީގެ އިތުރުން ޖެކްލީން ވަނީ ސަލްމާން އާއިއެކު "ކިކް2" ކުޅުމަށް ސޮއިކޮށްފައެވެ. އެކަން ހާމަކޮށްފައިވަނީ މިދިޔަ މަހު އޭނާގެ އުފަންދުވަހު ފިލްމްގެ ޕްރޮޑިއުސަރ ސާޖިދު ނިދިއާވާލާއެވެ.
ޖެކްލީން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްޕްލިކްސް އިން ދެއްކި "ސީރިއަލް ކިލާ" އިންނެވެ. މީގެ އިތުރުން ލޮކްޑައުންގައި ސަލްމާން އާއިއެކު ޕާންވެލްގައި ހުންނަ ސަލްމާންގެ ފާމްހައުސްގައި ޝޫޓްކޮށްފއިވާ ލަވައަކުން ޖެކުލީން ވަނީ ފެނިގެން ގޮސްފައެވެ.