ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމު" ނޮވެމްބަރ" ރިލީޒްކުރާ ތާރީޙު ފަސްކޮށްފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އެނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، "ނޮވެމްބަރު" ރިލީޒް ކުރާ ތާރީޙް ފަސްކުރަން ނިންމީ ކޮވިޑް 19 ގެ ސަބަބުން ކަމަށެވެ.
މި އަހަރުގެ ޖުލައި މަހު ރިލީޒްކުރަން ނިންމާފައިވީ ނަމަވެސް މި ތާރީޙު ވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅަށް ފަސްކުރެވިފައެވެ. މި ފިލްމް ރިލީޒް ކުރުން ލަސްކޮށްފައި ވަނީ ގިނަ ފަރާތްތަކަކަށް ކޮވިޑްގެ ބިރުވެރިކަމެއް ނެތި ފިލްމު ބެލުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ކަމަށެވެ. އަދި ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުން ޑާކްރެއިން އިން އަބަދުވެސް އިސްކަން ދޭނީ ރައްޔިތުންގެ ރައްކާތެރިކަމާއި ދޮޅަހެޔޮކަމަށް ބެނެފައިވެއެވެ.
"ނޮވެމްބަރު" އަކީ އައިޝަތު ފުވާދާއި އަހުމަދު ތޮލާލުގެ ސްކްރިޕްޓްއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ލޯބީގެ ފިލްމެކެވެ.
ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުގެ ލީޑު ރޯލުން ފެނިގެންދިޔަ މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލެވެ. އަދި މި ފިލްމަކީ މި ދެތަރިން އެކުގައި ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ހަތަރު ވަނަ ފިލްމުކަމަށްވާއިރު މިއީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމަކުން މި ދެތަރިން އެކުގައި ޕެއަރ އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުކަން ފާހަނގަކޮށްލެވެއެވެ.
މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭގެ އިތުރުން ސިންގަޕޫރާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައެވެ. ސިންގަޕޫރުގައި ސިންގަޕޫރުގެ ހިތްގައިމު ޞަރަޙައްދުތަކުގައި ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓް ކޮށްފައިވާއިރު ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާއިލްވެސް ވަނީ ބައިވެރިވެއެވެ. މިއީ ވަޖީހުގެ ދަރިފުޅު ތާރިޝް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމަކީ ގިނަ އަދަދެއްގެ ތަރިން ފެނިގެންދާ ފިލްމެކެވެ. އާ ގިނަ ފަންނާނުން ފެނިގެންދާނެ އިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ފްރެންޗައިޒް ޝޯވ މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އިތުރުން މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް އަދި މޭނާ ހައްސާން ފަދަ ބެލުންތެރިންގެ މެދުގައި މަގުބޫލު ފަންނާނުން "ނޮވެންބަރު" އިން ފެންނާނެއެވެ.
ޑާކްރެއިން އިން އެންމެ ފަހުން ސްކްރީން ކުރީ ކޮމެޑީ ފިލްމު "މާމުއި" އެވެ. އަދި ފިލްމު" ނޮވެންބަރު" އަކީ ޑާކްރެއިން އިން މިހާތަނަށް އުފައްދާ އެންމެ ބަޖެޓު ބޮޑު ފިލްމު ކަންވެސް ފާހަނގަކޮށްލެވެއެވެ.