ކ. މާލެ
|
26 މެއި 2020 | އަންގާރަ 21:26
ސަލްމާން ޚާން
ހިންދުސްތާނީ ޓައިމްސް
ސަލްމާން ޚާންގެ އީދު ހަދިޔާ
ސަލްމާން ޚާންގެ ފަރާތުން އީދު ހަދިޔާއެއް!
މި ލަވަ ރިލީޒް ކޮށްފައިވަނީ ހޯމަ ދުވަހު
މިއީ ސަލްމާންގެ އަޑުން ކިޔާފައިވާ ލަވައެއް

ބޮލީވުޑް ސުޕަރ ސްޓަރ ސަލްމާން ޚާން ގެންދަނީ ކޮންމެ އަހަރަކުވެސް އީދާއި ދިމާކޮށް އޭނާގެ ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ފިލްމެއް ރިލީޒް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ 'ލޮކްޑައުން' ކުރުމާއި ގުޅިގެން މިއަހަރު އީދާއި ދިމާކޮށް ނެރެން އުޅުނު ފިލްމު "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ވަނީ ރިލީޒް ކުރެވޭގޮތް ނުވެފަ އެވެ.

ނަމަވެސް މިފަހަރު ސަލްމާން ވަނީ އޭނާގެ އެތައް މިލިއަން ފޭނުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ލަވައެއް ރިލީޒްކޮށްފަ އެވެ.

ހޯމަ ދުވަހު ރިލީޒް ކުރި "ބާއީ ބާއީ" މި ލަވަ އަކީ ސަލްމާނުގެ އަޑުން ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޅެން ސަލްމާނާއި، ދާނިޝް ސަބްރީ ހަދާފައި ވާއިރު ލަވައިގަ ހިމެނޭ ރެޕް ބައި ލިޔެފައި ވަނީ ރުޚާން އަރުޝަދެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ސާޖިދް ޚާނާއި، ވާޖިދް ޚާނެވެ.

ކޮންމެ އަކަސް މި ލަވަ ވެގެން ގޮސްފައި މިވަނީ މި 'ލޮކްޑައުން' ގައި ސަލްމާން ރިލީޒް ކުރި ތިން ވަނަ ލަވައަށެެވެ. މީގެ ކުރިން ރިލީޒް ކޮށްފައިވާ ދެ ލަވައަކީ "ޕިޔާރު ކަރޯނާ" އަދި "ތޭރޭ ބިނާ" އެވެ.

"ބާއީ ބާއީ" ލަވައާއި ގުޅޭގޮތުން ސަލްމާން ކޮށްފައިވާ ޓްވީޓްގައި ވަނީ "އަހަރެން ތި އެންމެންނަށްޓަކައި ވާނީ އެއްޗެއް ތައްޔާރުކޮށްފައި. ބެލުމަށް ފަހު ފެންނަގޮތް ބުނެއްލައްޗޭ"އެވެ. އަދި ސަލްމާން ވަނީ އެންމެންނަށް އީދުގެ ތަހުނިޔާ ކިޔާފައެވެ.

ލަވައާއި ގުޅޭ ގޮތުން އިތުރަށް ސަލްމާން ބުނެފައި ވަނީ މި އީދާއި ދިމާކޮށް ނެރެން އުޅުނު ފިލްމު ރިލީޒް ކުރެވޭގޮތް ނުވިކަމުގައިވިޔަސް ފޭނުންނަށް ޓަކައި ޚާއްސަ ލަވައެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އީދަކީ އެކުވެރިކަން އާލާކޮށް އެންމެން ގުޅުން ބަދަހި ކޮށްދޭ މުނާސަބާއަކަށް ވުމުން "ބާއީ ބާއީ" ރިލީޒް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމަށް ސަލްމާން ބުނެފައި ވެއެވެ.

'ލޮކްޑައުން' ގެ ސަބަބުން ޕާންވެލްގައި ހުރި ފާމްހައުސްގައި ހުރެ ސަލްމާން ކުޅެފައިވާ މި ލަވައިގައި ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައި ދެއެވެ. މި ލަވަ ޝޫޓްކޮށްފައި ވަނީ ވެސް މަދު ކްރޫއިންނާއި އެކުގައެވެ.

- ކޮމެންޓް