ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 19:06
ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާއެއް
ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާއެއް
އަލްޖަޒީރާ
ކޮވިޑް-19އާ ގުޅިގެން ބަންގްލަދޭޝްގެ ޙާލަތު
ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ވެސް ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތައް ހުޅުވައިފި
ހަތަރު މިލިއަންއަށްވުރެ ގިނަ މީހުން މިކާރުޚާނާތަކުގައި މަސައްކަތް ކުރޭ
ކާރުޚާނާތައް ބަންދު ކުރުމުން އެތައް ހާސް މަސައްކަތްތެރިން ޙާލުގައި ޖެހުނު
ކޮވިޑް-19 ފެތުރުން ބޮޑު ކަމަށް ދިރާސާކުރާފަރާތްތަކުން ބުނޭ

ކޮވިޑް-19އާ ގުޅިގެން ބަންގްލަދޭޝްގައި ފުރަބަންދު ކޮށްފައިވާ ޙާލަތުގައި އެއްހާހަށްވުރެ ގިނަ އަންނައުނު އުފައްދާ ކާރުޚާނާތައް ހުޅުވަން ސަރުކާރުން ހުއްދަ ދީފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކާރުޚާނާތައް ހުޅުވަން ހުއްދަ ދިނުމާއެކު ގިނަ ބަޔަކު ވަނީ މަސައްކަތަށް ނުކުންނަން ފަށާފައެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި ބަނދަރުމަތީ އަވަށްތަކުގެ ކާރުޚާނާތައް ވަނީ ހޯމަ ދުވަހު ހުޅުވާފައެވެ.

ވައިރަސް ފެތުރިދާނެކަމުގެ ބިރު ބޮޑުވެފަވާއިރު، ހަތަރު މިލިއަނަށްވުރެ ގިނަ މީހުން މިކާރުޚާނާތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ. ބަންގްލަދޭޝްގެ އިޤުތިޞާދަށް އެތަކެއް ބިލިއަން ޑޮލަރު މިކާރުޚާނާތަކުން އެކްސްޕޯޓު ކުރާ މުދަލުން ޢާމްދަނީގެ ގޮތުގައި ލިބެއެވެ.

ބަގްލަދޭޝްގައި ކޮވިޑް-19 ހަލުވިމިނެއްގައި ފެތުރިގެން ދިއުމާ ގުޅިގެން ކާރުޚާނާތައް ބަންދުކުރީ މިދިޔަ މަރޗްމަހުގެ ފަހުކޮޅެވެ. މިކަމުގެ ސަބަބުން އެތައް ހާސް މަސައްކަތްތެރިންނަށް މުސާރަ ނުލިބި ޙާލުގައި ޖެހުނެވެ. އަދި ބޮޑެތި އޯޑަރުތައް ނުނިންމި ލަސްވަމުން ދާތީ ކާރުޚާނާތަކުގެ ވެރިން ވަނީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްފައެވެ.

ކާރުޚާނާތައް ހުޅުވުމުގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރިގެން ގޮސްދާނެތީ ބަންގްލަދޭޝްގެ އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވައިރަސް ހިފެހެއްޓުމެއް ނެތި ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، އެކްޓިވިސްޓުންދަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ.

- ކޮމެންޓް